ސަރުކާރުން ރާއްޖޭގެ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތްތަކާއި، އަދި މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި ހިނގަމުންދާ މަޝްރޫޢުތަކަށް ބަލާއިރު މިހާރު ހުރީ އޯވަލޯޑުވާ ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ބަޖެޓު ކުރެވިފައިވާ މަޝްރޫއުތައް ލަސްވާ ސަބަބާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތްތައް ލަސްވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ދެފުށް ފެންނަ ގޮތަަށް މަސައްކަތްތައް ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ޓެންޑަރިން ޕްރޮސެސް އާއި އީއައިއޭ އަދި ސްޓެންޑްސްޓިލް ޕީރިއަޑް އޮންނަ ކަމަށާއި ބަޔަކު މައްސަލަ ޖައްސައިފި ނަމަ މަސައްކަތަށް ހުއްޓުމެއް އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕްރޮސެސްއާ އެއްގޮތަށް ކުރިއަށް ދިއުމުން ލަސްވުމެއް އަންނަ ކަމަށެވެ.
ޕްރޮސެސް ފޮލޯ ކުރީމާ އަންނަ ޑިލޭ ހުރޭ. އަނެއް ކަމަކީ ކެޕޭސިޓީ. އަޅުގަނޑުމެންގެ ކެޕޭސިޓީ މަސައްކަތް ކުރުމުގައި. އެމްޓީސީސީ ވިޔަސް އަދި އެހެން ކުންފުނިތައް ވިޔަސް މިހާރު ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ވަރުން މި ތިބީ އޯވަލޯޑު ވާ ހިސާބުގައި. އެހެންވީމާ މަސައްކަތުގައި އުޅޭ ލަސްވާ ލަސްވުން.
– އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޝްރޫއު ހިންގާ ކޮންޓްރެކްޓަރުގެ ކެޕޭސިޓީ އަދި މާލީ ހާލަތާ ގުޅޭ މައްސަލަ ދިމާވާ ކަމަށެވެ. ކޮވިޑަށް ފަހު ކުންފުނިތަކުގެ މާލީ ހާލަތަށް އައި ބަދަލުތަކަކީ ވެސް މަޝްރޫއުތައް ލަސްވާން މެދުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވިއިރު މިދިޔަ ހަފްތާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފްވެސް ވަނީ މަސައްކަތްތައް ގިނަވެ، ކޮންޓްރެކްޓަރުންނަށް ނުކަތާވަރަށް މަސައްކަތްތައް ލިބިފައި ވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މިވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރި މަސައްކަތުން، ތާރީޚުގައިވެސް ކުރެވިފައިނުވާ މިންވަރަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ރަށްރަށުގައި ތަރައްޤީކުރެވޭ ވަޞީލަތްތައް ރައްޔިތުން އެދޭގޮތަށް ނިންމުން ކަމަށާއި، މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް އެގޮތުގައި ކުރެވެމުންދާ ކަމަށްވެސް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވިއެވެ.