ކުރީގެ ރައީސް ޔާމިން ދައުލަތަށް 52 މިލިއަން ރުފިޔާ ދެއްކުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފް ނުކުރާނެކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު ހައި ކޯޓުން ނިންމާފައިވަނީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް ޔާމީން ހޯދި މަންފާ ކަމަށް ބުނެ 53 މިލިއަން ރުފިޔާ ދައްކަން އަމުރު ނެރެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ބޭރުން ކަމަށެވެ.
މިމައްސަލާގައި ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތުވެސް މިހާރުވަނީ ހަމަވެގެން ގޮސްފައެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، އެ މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފު ނުކުރި ނަމަވެސް، ޔާމިން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް މަރުހަލާ ހައި ކޯޓުގައި ކުރިޔަށްދާއިރު، އެކަން ޝަރީއަތުގެ މަރުހަލާތަކުގައި ފާހަގަ ކުރާނެ ކަމުގައެވެ.
ޔާމީންގެ ފަރާތުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރީ ވ. އާރަށު މައްސަލައިގައި އެމަނިކުފާނު މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށްދިނުމަށް އެދިވަޑައިގެންނެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓު ކޮށްގެން ޔާމީނަށް ލިބުނު ފައިދާ އެވެ.
އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގަ އެވެ. ނަަމަވެސް، 53 މިލިއަން ހަ މަސް ތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ 26، ގައެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ޔާމީން މަނީ ލޯންޑާކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުލަތުން ބުނި ނަމަވެސް އާރަށު މައްސަލައިގައި ޔާމީން ޖަލަށްލުމަށް ހުކުމްކުރިއިރު އެ ފައިސާ ދައުލަތަށް ހޯދުމަށް އަމުރުގައި ނެތް ކަމަށެވެ.
މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައިވަނީ ހުކުމްކުރިއިރު އަމުރުކޮށްފައި ނެތް ކަމެއް ދެވަނަ އަމުރެއް ނެރެގެން ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރަށް އޮޅިގެން ކުރެވޭ ކަންކަން ދެވަނަ އަމުރެއް ނެރެގެން ރަނގަޅު ނުކުރެވޭނެ ކަމަށާއި ފައިސާ ހޯދުމަށް ދެވަނަ އަމުރަކަށް ނުވެސް އެދެވޭނެ ކަމަށްވެސް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވެއެވެ.
ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް ހައި ކޯޓު އިސްތިއުނާފު ކޮށްފައިވެ އެވެ. އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރި ނަމަވެސް އަދި އަޑުއެހުންތައް ނުފަށައެވެ. ޔާމީނަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެއެވެ.
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތެކެވެ.
One Response
ސުޕުރިންކޯޓުގާ އިސްތިއުނާފު ކޮށްގެން ވެސް ވާނީ ބޮޑުތަނުން ބޭޒާރެއްކަން ޔަގީންވަންޏާ ދެން ކުރާނެ ކަމެއް ނެތްތާ.!