"މޯލްޑިވްސް ޓައިޑްސް" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ދިޔަވަރު ވަކިން ފެންނާނެ ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.
"މޯލްޑިވްސް ޓައިޑްސް" ގެ ނަމުގައި ލޯންޗްކުރި މި ވެބްސައިޓަކީ މޯލްޑިވްސް ސްޕޭސް ރިސާޗު އޯގަނިޒޭޝަނާ ގުޅިގެން ރަށް ގިރުމުގެ މައްސަލަތަކުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޑރ. ނަޝްވާން މަތީން ހައްދަވާފައިވާ އެއްޗެކެވެ.
މި ވެބްސައިޓްގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ދިޔަވަރު އަންގައިދީ އުދަ ހުރި ވަރު އަންގައިދޭ އަށްޑުވަހުގެ ޑޭޓާ ފެންނަން ހުންނާނެ ކަމަށެވެ. އަދި ބެކްއެންޑުގައި ދިގު މުއްދަތުގެ މައުލޫމާތުތައް ރައްކާކޮށްފައި ހުންނާނެ އެވެ.
"މޯލްޑިވްސް ޓައިޓްސް" ގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރު ރަނގަޅަށް ދެނެގަނެ، ކްލައިމެޓް އެޑަޕްޓޭޝަން ސްޓްރެޓެޖީތައް ރޭވުމުގައި އެހީތެރިވެ ދިނުމެވެ.
ރާއްޖެ އަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބޭ ގޮތަށް ނަޝްވާން ދޫކޮށްލި މި ވެބްސައިޓަކީ އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަގުހެޔޮ އަދި އާދައިގެ ފެނުގެ ފެންވަރު މޮނިޓަރިން ޑިވައިސްތައް ބެހެއްޓުމަށް ރާވާފައިވާ ޕްރޮޖެކްޓެއްގެ ދަށުން ހަދާފައިވާ އެއްޗެކެވެ.