އަރިދަފުސް ރޯގާއާއި ކޮވިޑް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އަރިދަފުސް ރޯގާއާއި ކޮވިޑް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Author
އަޒްފާ ރަޝީދު
13 އޭޕްރިލް 2023 06:41
0

ކޮވިޑް 19 އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

މިދުވަސްވަރު ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުން އަންނަކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެެ. އަދި ކޮވިޑްގެ އިތުރުން، ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުމުގެ ފުރުޞަތު އޮތުމާއެކު ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިދުވަސްވަރަކީ ސުކޫލް ޗުއްޓީއާއި ޢީދު ބަންދަށް ރާއްޖެއިން ބޭރަށާއި، އަތޮޅުތަކަށް މީހުން ދަތުރުފަތުރު ކުރުމާއި، ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެ ދުވަސްވަރެއްކަމުން، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިިޔަވަޅުތައް އެޗްޕީއޭއިން ވަނީ ޢާންމުކުރައްވާފައެވެ.

އެގޮތުން އަރިދަފުސް ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ޙާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދައި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ، ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކުއެޅުމަށާއި، ޢާންމު ތަންތާނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުމަށާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގިނައިން ރަނގަޅަށް އަތް ދޮވުމަށް ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށާއި، ބަލިޖެހުމުން ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު، އަދި ގިނަ މީހުންގެ ތެރެއަށް ނުކުންނައިރު، މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކޯވިޑު ވެކްސިން ފުރިހަމަކުރުމާއި، ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަ ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢާންމު ދަތުރުފަތުރު ޚިދުމަތްދޭ ފަރާތްތަކުން ކޮވިޑް 19 އާއި އަރިދަފުސް ރޯގާ ކޮންޓްރޯލްކުރުމަށް ސަމާލުވާންޖެހޭ ކަންކަންވެސް އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އުޅަނދުގައި އަތްސާފުކުރެވޭނެހެން ސެނެޓައިޒަރ ބެހެއްޓުމާއި، ފަސިންޖަރުން އުޅަނދުން ފައިބަމުން އަތްލާ ތަންތަން ސާފްކުރުމާއި އަމިއްލަ ރައްކާތެރިކަމަށްޓަކައި ޑްރައިވަރުން މާސް އެޅުން ހިމެނެއެވެ.

އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ފާއިތުވި ހަފްތާ ތެރޭގައި މާލޭ ސަރަހައްދުން ކޮވިޑްގެ 73 ކޭސް އަދި އެހެން ސަރަހައްދުތަކުން 11 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 185،894 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.