އާންމު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައި ދިނުމަށް ސަރުކާރުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މާލޭގައި ރޭ އިދިކޮޅު ޕީޕީއެމް އިން ކުރި މުޒާހަރާގައި އެމްޓީސީސީގެ ބަޕްލިކް ޓްރާސްޕޯޓަށް ހުރަސް އަޅައި، ބަހަށް ދަތުރު ނުކުރެވޭނެހެން ހުރަސް އަޅާފައިވާތީ އާންމުން ފާޅު ކުރެއްވި ކަންބޮޑުވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. އާޒިމް ވިދާޅުވީ މިއީ މިހާރު އިދިކޮޅު ޕީޕީއެމްއިން އާންމުކޮށް ކުރާ ކަމެއްކަމަށެވެ. މިފަދަ ކަންކަމަކީ އެތައް ބަޔަކަށް ދަތިވާނެ ކަމަކަށްވާއިރު، މިކަމަށް ހުރަސް އެޅުމުގެ ފުރުސަތު ނުދެއްވުމަށް އާޒިމް ވަނީ ފުލުހުންގެ ކިބައިންވެސް އެދިފައެވެ.
މިއީ މިހާރު އާންމުކޮށް އެބޭފުޅުން ކުރައްވާ ކަމެއް. ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް އެމްޓީޑިސީސީއަށް ވަރަށް ދަތިވޭ މިގޮތަށް އަމަލު ކުރައްވާތީ. ބަޕްލިކް ޓްރާސްޕޯޓަށް ހުރަސް ނޭޅުމަށް އެދެން. ފުލުހުން މިކަހަލަ ނާތަހުޒީބު ކަންތައްތައް ކުރާ ބޭފުޅުން އިސްލާހުކޮށް ދެއްވާ.
– އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކީ އެކަމުން ގިނަ ބަޔަކަށް ލުއިފަސޭހަކަން ހޯދައި ދިނުމަށް ދެވޭ ޚިދުމަތެއްކަމަށެވެ. ރޭ ބަސް ހުއްޓުވައިގެން އެތައް އިރެއް ވަންދެން ބަހަށް ނުދެވި އޮންނަން ޖެހުމަކީ އޭގެ ތެރޭގައި ވަކި ވަގުތަކަށް ތަންތަނަށް ދާން ބޭނުންވާ މީހުންނަށް ކުރިމަތިވާނެ ދަތިކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.
އެއްވެސް ބޭފުޅަކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށް ދަތިވާ ކަންތައްތައް ނުކުރެއްވުމަށް އެދެން. މީގާ ތިޔަ އުދަގޫ ކުރައްވާ ބޭފުޅުންގެ ގާތްތިމާގެ ރަހުމަތްތެރިއެއްވެސް އިދެދާނެ. މިއީ ރައްޔިތުންނަށް ދެވޭ ޚިދުމަތެއް.
– އާޒިމް ވިދާޅުވިއެވެ.
Mee mihaaru aammukoh ebeyfulhun kurahvaa kameh. Raiyyithun gadithakah than thanah gendhiyumah @MTCCPlc ah varah dhathivey migothah amal kurahvaathee. Public transport ah huras neylhumah edhen. @PoliceMv mikalaha naa thauzeebu kanthah kuraa beylhun islaahu kohdhehvaa. https://t.co/F6O21RK7ZB
— Adam Azim (@adamazim) April 12, 2023
މިވީޑިއޯއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ޓްވީޓް ކުރި ގިނަ މީހުން ބުނި ގޮތުގައި ޕީޕީއެމްގެ މުޒާހަރާތަކުގައި މަގުމަތިންދާ ވެހިކަލްތައް ހުއްޓުވުމަކީ ވެސް މިފަހަކުން އައިސް އާންމު ކަމެކެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންދާ މީހުން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ވެސް ހުއްޓުވާފަ އެވެ. މިމައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު ކަމާ ގުޅޭ އިދާރާތަކުން ދަނީ މިމައްސަލަ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ