ތިލަމާލެ ބުރިޖް މަޝްރޫޢު ކުރިޔަށް ގެންދާ އެފްކޮންސް ކުންފުނި ވިއްކާލިޔަސް ބްރިޖުގެ މަސައްކަތެއްވެސް އަދި އެކުންފުނިން ރާއްޖޭގައި ހިންގާ އެހެން މަޝްރޫޢެއްވެސް ނުހުއްޓޭނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ފްކޮންސް ކުންފުނި ވިއްކާލާ ވާހަކައާއެކު ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން ކުރެއްވި ޓްވިޓެއްގައި މަވޯޓާ ވިދާޅުވީ، އެފްކޮންސްގެ މެޖޯރިޓީ ޙިއްސާ އެސްޕީ ގްރޫޕުން ގަތުމުގެ ކުރިންވެސް އެފްކޮންސްއައީ ބަރާބަރަށް ހިންގަމުންކަމަށެވެ. އަދި އެސްޕީ ގްރޫޕުން އެފްކޮންސް ވިއްކާލިޔަސް އެކުންފުނި ހިނގާނެކަމަށާ، ރާއްޖޭގައި އެކުންފުނިން ހިންގާ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެކަމަށް މަވޯޓާ ވިދާޅުވެފައިވެއެވެ.
އަދފި އެފްކޮންސް އެހެން ކުންފުންޏަކުން ގަތަސް އެކުންފުން އައްޑޫގައި ހިންގާ މަޝްރޫޢުތަކަށް އެއްވެސް ބަދަލެއް ނައިސް ދާނެކަމަށްވެސް އައްޑުއަށް ނިސްބަތްވާ މެމްބަރު މަވޯޓާ ވިދާޅުވިއެވެ. އަދި 1959ގައި އުފެދުނު އެފްކޮންސް އެސްޕީ ގްރޫޕުން ގަތީ 2000ވަނަ އަހަރު ކަމަށާ، މިހަރު އެފްކޮންސް އަކީ އަހަރަކު 1 ބިލިޔަން ޑޮލަރުގެ ވިޔަފާރިކުރާ ކުންފުންޏެއްކަމަށްވެސް މަވޯޓާ ވިދާޅުވެއެވެ.
AFCON ge majority hisaa SP group in gathumuge kurinves AFCON aaee baraabarah hingamun. SP group in AFCON vikkaaliyas e company hingaane. Adhi Raajje hingaa evves project eh nuhutteyne
— Ibrahim Shareef (@AdduShareef) April 12, 2023
ރާއްޖޭގެ މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖް މަޝްރޫޢު ކުރިޔަށް ގެންދާ އެފްކޮންސް ކުންފުނި ވިއްކާލުމުގެ މަސައްކަތް، އެކުންފުނީގެ މައި ކުންފުނި ކަމުގައިވާ އިންޑިއާގެ ޝަޕޫރުރުޖީ ޕަލޮންޖީ (SP) ގުރޫޕުން ވަނީ ފަށާފައެވެ.
ޝަޕޫރުރުޖީ ޕަލޮންޖީ ކުންފުނީގެ އިންފްރާ ސްޓްރަކްޗަރ އަދި ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކާލައިގެން، ދަރަނި ފޫބެއްދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދަނީ 2.5 ބިލިއަން އެމެރިކާ ޑޮލަރު ޖަމާ ކޮށްގެންނެވެ.
މިގޮތުން ޝަޕޫރުރުޖީ ޕަލޮންޖީ ގުރޫޕުން ދަނީ އެފްކޮންސް ކުންފުނީގެ އިތުރުން، އެ ގުރޫޕްގެ 100 މިލިއަން އަކަ ފޫޓުގެ ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އެސެޓްވެސް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.
މައި ކުންފުނީގެ މި އެސްޓްތައް މާރކެޓްގައި ވިއްކާލެވިއްޖެނަމަ ކުންފުނީގެ ދަރަނި 13 މިލިއަން ޑޮލަރަށް ދަށް ކުރެވޭނެކަމަށް ޝަޕޫރުރުޖީ ޕަލޮންޖީ ގުރޫޕުން އުއްމީދު ކުރެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުންފުނީގެ މި ނިންމުމާއި ގުޅޭގޮތުން ޝަޕޫރުރުޖީ ޕަލޮންޖީ ގުރޫޕުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
މީގެ އަހަރުތަކެއް ކުރިން ޝަޕޫރުރުޖީ ޕަލޮންޖީ ގުރޫޕުންވަނީ އެފްކޮންސް އިންޑިއާގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މި ކުންފުނިން އިންޑިއާގެ ސްޓޮކް އެކްޗޭންޖުގައި ލިސްކުރުމަށް ރެގިއުލޭޓަރީ އޮތޯރިޓީތަކުން ހުއްދަ ދޫކޮށްފައިވި ނަމަވެސް ފަހުން ކުންފުނި ލިސްޓް ކޮށްފައެއް ނުވެއެވެ.
އެފްކޮންސް ކުންފުންނަކީ ޕޫރުރުޖީ ޕަލޮންޖީ ގުރޫޕްގެ ކުންފުނިތަކުގެ ތެރެއިން، އިމާރާތް ކުރުމާއި އިންޖިނިއަރިންއަށް ޚާއްސަ ކުންފުންޏެކެވެ. އަދި އެފްކޮންސްއަކީ އިންޑިއާގެ އެންމެ ބޮޑެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުނިވެސް މެއެވެ. އޭގެ އިތުުން މުޅި ދުނިޔޭގެ އެންމެ ބޮޑު 10 މެރިން އިންފްރާސްޓްރަކްޗަރ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއްވެސް މެއެވެ.
އެފްކޮންސްއިންވަނީ އޭޝިއާ، އެފްރިކާ، އަދި މެދުއިރުމަތި ހިމެނޭ ގޮތުން 25 ގައުމެއްގައި ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގާފައެވެ. މިގޮތުން 1959 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެފްކޮންސްއިންވަނީ މުޅިއެކު 350 އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސްފައެވެ. މިއަދު އެ ކުންފުންޏަކީ ބައިނަލްއަގުވާމީ އެންމެ ވަރުގަދަ 150 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.
ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކާއި ހަވާލުކުރުމަށް ކުރިޔަށް ގެންދަވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މިހާތަނަށް ކުރިޔަށް ގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢުކަމުގައި ތިލަމާލެ ބްރިޖް މަޝްރޫއު އެފްކޮންސްއާއި ހަވާލު ކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.
ގުޅީފަޅާއި މާލެ ގުޅުވައިދޭ މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކު ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.
އެހެންނަމަވެސް ބުރިޖް މަޝްރޫއުގެ މަސައްކަތް ކުރިޔަށް ދަނި އާދަޔާ ޚިލާފަށް ލަސްކޮށް ކަމަށްބުނެ، މިމަޝްރޫއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.