ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ފެނަކަ ކައިރީ މުޒާހިރާ ކުރަނީ

ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ފެނަކަ ކައިރީ މުޒާހިރާ ކުރަނީ

Author
ހުސެއިން
10 އޭޕްރިލް 2023 11:11
0

ފެނަކައިގެ ޕްރޮޖެކްޓަތަކަށް ލިބެންޖެހޭ ފައިސާ އެކުންފުނިން ނުދައްކއިގެން ކޮންޓަރުން ފެނަކަ ކައިރީގައި މުޒާހިރާ ކުރާން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަންއިން ދައްކާންޖެހޭ ފައިސާ ނުލިބިގެން މުޒާހިރާ ކުރަމުންދާ ކުންފުނިތަކުން ޝުއޫރު ފާޅުކުރުމަށް ހިފަހައްޓައިގެން ތިބި ޕޯސްޓަރު ތަކުގައި ލިޔެފައިވާ ގޮތުގައި އެކުންފުނިން ފައިސާ ދޭނެކަމަށް އިންތިޒާރު ކުރަމުންދާތާ މިހާރު 7 މަސްދުވަސް ވަނީ ފާއިތުވެފައެވެ.

އެހެންނަމަވެސް ފެނަކައިން ދެމުންދާ ޖަވާބަކީ ކޭޝްފްލޯ ނެތްކަމަށް ކަމަށާއި، އަބަދުވެސް ބުނަމުންފަނީ ”އަންނަ ހަފްތާ، އަންނަ ހަފްތާގައި“ ކަމަށްވެސް ޕޯސްޓަރު ތަކުގައި ލިޔެފައި ވެއެވެ.

އަޅުޑުމެން މަގުމަތި ކޮށްލައިފި! އަޅުގަޑުމެން ދަރަނިވެރި ކުރުވައިފި! ފިހާރަތަކުގެ ސޭޓުން އަޅުގަޑުމެން ފަހާ ދުވަނީ!

މުޒާހިރާ ކުރަމުންދާ ފަރާތްތަކުން ޝުއޫރު ފާޅު ކުރުމަށް ހިފަހައްޓައިގެން ތިބި ބެނާތަކުގައި ލިޔެފައި ވެއެވެ.

ފެނަކައިން ފައިސާ ނުލިބިގެން ބައެއް ކުންފުނިތަކުން މިއަދު މުޒާހިރާ ކުރަމުން ދާއިރު، ދާދިަފހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި ހުސެއިން އަމްރު ވިދާޅުވެފައިވަނީ ފެނަކަ ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކައިގެންވެސް ކުންފުނީގެ ދަރަނި ނުދެއްކޭވަރަށް އެކުންފުނި ދަރަނިވެރި ވެފައިވާކަމުގައެވެ.

އަދި ލ. އަތޮޅު ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެއިން ޑިސަލް ހުސްވެގެން އެރަށުން އިއްޔެ ކަރަންޓު ކެނޑިފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ފެނަކައިގެ ދަރަނި އިންތިހާއަށް މަތިވެފައިވާކަމަށް ބުނަމުންދާއިރު، ފެނަކަ ކޯޕަރޭޝަނުން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ދައްކާންޖެހޭ ފައިސާ އެކުންފުނިން ނުދައްކައިގެން ގިނަ ކުންފުނިތަކުން ދަނީ ޝަކުވާކުރަމުންނެވެ.

މީގެ އިތުރުން ފެނަކަ ކުންފުނީގެ އިސް ބައެއް ވެރިންގެ މައްޗަށް ފާއިތުވެދިޔަ ތަނުގައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރެވިގެން ގޮސްފައެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 27 ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުން ދާކަމުގައި އޭސީސީން މީގެކުރިން ވަނީ ބުނެފައެވެ.

މިމައްސަލަތައް މިހާތަނަށް ކުރިޔަށް ގޮސްފައިވާކަމަށް އޭސީސީން ހާމަ ކޮށްފައިވާ މައުލޫމާތު ތިރީގައި މިވަނީއެވެ.

  1. ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ގުޅޭގޮތުން 2020 ސެޕްޓެމްބަރު 7ގައި 27 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާކަން
  2. ހުށަހެޅި މައްސަލަތަކުގެ ތެރެއިން:
    • 2 މައްސަލައެއް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭތީ ކަމާއި ގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައެވެ.
    • 1 މައްސަލަ ތަހުގީގު ނުކުރުމަށް ނިންމާފައި ވެއެވެ.
    • މިހާތަނަށް ނިމިފައިވަނީ 6 މައްސަލައެކެވެ.
    • 18 މައްސަލައެއް މިވަގުތު ދަނީ ތަހުގީގު ކުރެވެމުންނެވެ.

އޭސީސީން ހާމަ ކޮށްފައިވާ މި މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ، މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 6 މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވާ ގޮތެއް މިހާތަނަށް މިޑިއާއަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމައިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ މި 28 މައްސަލަ އޭސީސިއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅިއިރު، މި މައްސަލަތަކުގެ ގިނަގުނަ ތަފްސީލަތައްވެސް ހިމަނާގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުރޯ
ފެނަކައިން ލާރި ނުލިބޭތީ ގެ ކުލިވެސް ނުދެއްކިފަ..
ޙ ޙުސައިން
ކުރީގެ ޕްރޮކިޔުމަންޓް ހެޑް މަރިޔަމް ދީނާ ހިންގާފަ ހުރި ޖަރީމާތައްވެސް ބަލާލަން ފެނޭ. ޢީސީ ޝަރީފް އަދި ލައްމާނު މެން ބައިވެރިވެގެން ހާދަ ކަޓެކޭ ނަގާލާފަ އެހުރީ.