ފަސް ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަސް ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2023 02:22
0

ރާއްޖޭގެ ފަސް ރަށެއްހެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ، ޖައިކާ އިން ސޮއިކޮށްފިއެވެ.

ދިވެހިސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ގުޅިގެން، ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީ އާމިނަތު ޝައުނާއެވެ. އަދި ޖައިކާގެ ފަރާތުން، ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވްއެވެ.

މިމަޝްރޫޢުގެ ދަށުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދްރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުކުރުމަށްވެސް ވަނީ ރޭވިފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާނެއެވެ.

މިމަޝްރޫޢަށް ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރު، ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރު އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ދިވެހި ފައިސާއާއި ވަސީލަތްތައް، މިމަޝްރޫޢު ހިންގުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ވަކިން ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މިމަޝްރޫޢަކީ 6 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުތުރުގެ ފަޤީރުމީހާ
ތިޔައީތަ ވީވަރަކީ. ހުސްދެކުނުގެ ރަށްތަކަށް ތިޔަ ލިބުނީ. އަބަދުވެސް ލިބޭ ބަޔަކަށް ތިޔަ ލިބެނީ.