ކުރު ވާހަކަ: މައުސޫމް

ކުރު ވާހަކަ: މައުސޫމް

މާލޭގެ ހުޅަނގު ފަރާތު ތޮށިމަތީގައި އުމުރުން އެންމެ ނުވަ އަހަރުގެ ކުޑަކުޑަ ފިރިހެންކުއްޖަކު އިށީނދެގެން އިނެވެ. އެކަނި މާއެކަންޏެވެ. މަގުމަތީގައި މީހުން ހިނގާބިނގާވެ އުޅުނަސް އެއިން މީހެއްގެ ސަމާލުކަމެއް އެކުއްޖާއަކަށް ނެތެވެ. ދުވާއެއްޗެހި މަގުމަތީގައި ދުއްވައެއެވެ. ހިނގާމީހުން ހިނގައެވެ. އެކަމަކު އެކުޑަކުއްޖާގެ ހާލާއިމެދު ސުވާލެއް ކޮށްނުލާ ތާނގައި ބަލާލާނެ މީހަކުވެސް ނެތެވެ.

އަހަރެންނަށް އެކުއްޖާ ފާހަގަކުރެވުނީ ކޮންމެ ދުވަހަކު ހަވީރު އަހަރެން ދުވަން ނުކުންނައިރު އެކަނި މާއެކަނި އެތަނުގައި އިންނަތަން ފެންނާތީއެވެ. އެކުއްޖާގެ ހާލާއި އުޅޭގޮތެއް ބަލައި އޮޅުން ފިލުވަން ބޭނުންވީ އެމައުސޫމު މޫނުން އަހަރެންނަށް ފެންނަ ވޭނާއި ހިތާމައިގެ ސަބަބުންނެވެ. އުމުރުން ކިތަންމެ ހަގަސް އެއުމުރުގެ ކުއްޖަކު އެތާނގައި އެގޮތަށް އިންނާނީ ކޮންމެވެސް ކަމެއްވެގެންކަން އަހަރެންނަށް ޔަޤީންވާތީއެވެ.

މަގުހުރަސްކޮށް އެކުއްޖާއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އޭނާގެ ވާހަކަތައް އޮޅުންފިލުވައި އަޑުއަހާ ހިތުންނެވެ. ފަހަރެއްގައި އަހަރެންނަށް އެކުއްޖާއަށް ކޮންމެވެސް އެހީއެއް ވެދެވިދާނެކަމަށް ދެކިގެންނެވެ. އަހަރެން ވާހަކަ ދައްކަން ފެށުމުން އެކުއްޖާ އަހަރެންނަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ޖަވާބެއްވެސް ނުދިނެވެ. އެހެނަސް އެކުއްޖާލާފައިވާ ބައު ގަމީހާއި ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑާއި ހަށިގަނޑުގެ އަނަރޫފަކަން އެކުއްޖާގެ ހާލު ކިތަންމެ ރަނގަޅަކަށްވެސް ދޭހަކޮށްދެއެވެ.

ކައިރީގައި ހުރި ގާޑިޔަލަކުން ދެޕެކެޓާއި ފެންފުޅިއަކާއި ބިސްކޯނދުކޮޅެއް ގަނެގެން އައިސް އަހަރެން އެކުއްޖާއަށް ދިނީމެވެ. އޭނާގެ މޫނުމަތިން އަހަރެންނަށް ފެނުނު ބަނޑުހައި ހޫނުކަމުގެ ސަބަބުން އަހަރެންނަށް ކެތްނުވެގެންނެވެ. ފަހަރެއްގައި އަހަރެންނަކީ އަންހެނަކަށް ވީތީ އަހަރެންގެ ހިތަށް ފަސޭހައިން އަސަރުކުރަނީ ކަމަށްވެދާނެއެވެ. އަހަރެން އެތަކެތި ދިއްކޮށްލުމުން އޭނާ އަހަރެންގެ މޫނަށް ބަލާލީ ބީރައްޓެހި ގޮތަކަށެވެ. އޭނާ އެތަކެތީގައި ހިފީ ވެފައިހުރި ބަނޑުހައިކަމުން ނޫންނަމަ އެހެންގޮތެއް ނެތިގެންނެވެ.

އެކުއްޖާގާތުގައި އިށީނދެ އަހަރެން ވާހަކަ ދައްކަންފެށުމުން އޭނާ އޭނާގެ ވާހަކަ އަހަރެންނަށް ކިޔައިދޭންފެށިއެވެ. އޭނާއަށް ކިޔަނީ ޔާސީންއެވެ. އޭނާގެ މަންމަވީ މަރުވެފައެވެ. ބައްޕައަކީ ކާކުކަމެއް ނޭނގެއެވެ. އެކިފަހަރު އުޅެނީ އެކިގޭގައެވެ. މަންމަގެ ކޮންމެވެސް ތިމާގެ މީހެއްގެ ގާތުގައެވެ. ގިނަރޭރޭ ނިދައި ހަދަނީ ސޯޝަލް ސެންޓަރުގެ ތެރޭގައެވެ. ސްކޫލަކަށް ދުވަހަކުވެސް ނުދެއެވެ. އޭނާއަށް ކިޔަވައިދޭނެ ޚަރަދު ކުރާނެ މީހަކު ނެތީއެވެ. ކައިބޮއެ ހަދަނީ އެފަހަރަކު ޖެހުނު ތަނަކުންނެވެ. ބައެއް ފަހަރު ހޮޓާހޮޓަލަށް އަރައި މީހުންގާތު އާދޭސްކޮށްގެންނެވެ.

މަގުމަތިވެފައިވާ ކުއްޖެކެވެ. ދާނެމަގެއް ނޭނގި އާވާރާވެފައިވާ ކުއްޖެކެވެ. އޭނާގެ ހާލަށް އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެކަމަކު އެކުއްޖާ ގެންގޮސް ބަލަހައްޓާނެ ފެންވަރެއް އަހަރެންގެވެސް ނެތެވެ. އަހަރެންނަކީ ވެސް މާލޭގައި ވަޒީފާ އަދާކުރާ އެކަނި އުޅޭ މީހެކެވެ. އަހަރެންވެސް އުޅެނީ މަހުކުލި ދީގެން އޮފީހަށްދާ އަދި ކިޔަވާކުދިން ބަހައްޓާ ގެއެއްގައެވެ. އެފަދަ ތަނަކަށް އެކުއްޖާ ނުގެންދެވޭނެއެވެ. އޭނާއަށް ޚަރަދުކުރާނެ މީހަކު ނެތީމައެވެ.

އެދުވަހު އަހަރެން އެކުއްޖާއާއި ވަކިވީ އޭނާއަށް ގޮތެއް ހޯދައިދެވޭތޯ އަޒުމު ކަނޑައަޅާފައެވެ. ޖެހިގެން އައިދުވަހު އެކުއްޖާގެވާހަކަ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓަށް ރިޕޯޓްކޮށްފީމެވެ. އޭނާއަށް އެހީތެރިވެ ދިނުމަށް އެދިއްޖައީމެވެ. އެއީ ދައުލަތުން ބަލަހައްޓައިދޭންޖެހޭނެ ކުއްޖެކަމުގައި އަހަރެންނަށް ފެންނާތީއެވެ.

އެކަމަކު އޭގެފަހުންވެސް އަހަރެންނާއި އެކުއްޖާ ބައްދަލުވަނީ ތޮށިގަނޑުމަތީގައި އިންދައެވެ. އޭނާ ހޯދާކަށް ދައުލަތަކުން ނާދެއެވެ. އޭނާއަށް ހިޔާވަހިކަމެއްދޭން މަސައްކަތްކުރާ ހެނެއް ހިއެއް ނުވިއެވެ. އެހެންވެ ހަފްތާއެއްފަހުން އަނެއްކާވެސް އަހަރެން ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓަށް ގުޅައިފީމެވެ. ދައުލަތުން އެކުއްޖާ ނުގެންގޮސް އުޅެނީ ކީއްވެތޯ ސުވާލުކޮށްފީމެވެ. ލިބުނީ ފަސޭހަ ޖަވާބެކެވެ. ހިޔާ އާއި ތައުލީމާއި މަސައްކަތް އުގަންނައިދޭ މަރުކަޒުގައި މިވަގުތު ޖާގަނެތީއެވެ.

އަހަރެން ގާތަށް އައީ ރުޅިއެވެ. ކުޑަކުއްޖަކު މަގުމަތިވެ އާވާރާވެ އުޅޭނެ ގޮތަކަށް އުޅެންދޫކޮށްލާފައި ބަހައްޓަންވީހެއްޔެވެ؟ ކުށުގެ ހާއްޔަކަށްވެފައިވާ މާލޭގައި އެކުއްޖާމަގުން ކައްސާލައިގެން ނުދަނީސް ރަނގަޅު ތަރުބިއްޔަތެއް ލިބޭނެ ގޮތް ހަދައިދިނުމަކީ ދައުލަތުގެ ޒިންމާއަކަށް ނުވޭ ހެއްޔެވެ؟ އެކުއްޖާގެ މަޔަކު ބަފަޔަކު ނެތެވެ. ތިމާގެ މީހަކު ބަލާލާނެ އަޅާލާ މީހަކުނެތެވެ. ވީއިރު އެކުއްޖާގެ މުސްތަޤުބަލަށް ދެންވާނީ ކިހިނެއްހެއްޔެވެ؟

ޤާނޫނީ ދާއިރާއިން ޕީއެޗްޑީއާއި ހަމައަށް ކިޔެވުމަށް އޮފީހުން ލިބުނު 7 އަހަރުގެ ކޯހެއްގައި އަހަރެން މެލޭޝިޔާއަށް ފުރިއިރުވެސް އެކުއްޖާ އުޅެނީ މަގުމަތީގައެވެ. އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނެތިއެވެ. ދެރަވިއެވެ. ވިސްނުނެވެ. އެކުއްޖާއަށް ވާނެ ގޮތަކާއިމެދު ގައެވެ. އެއުމުރުގެ ކުއްޖަކަށް އަމިއްލައަށް ރަނގަޅުމަގުން ހިނގަން ނޭނގޭނެތީއެވެ. އަދި އެހައި ހިއްވަރު ނުހުންނާނެކަން ވިސްނޭތީއެވެ. މުޖުތަމައުގެ ތެރޭގައި އުޅޭ ވިޔާނުދާ މީހުންގެ އަތްދަށުގައި އެކުއްޖާ ހައްޔަރުވެދާނެތީއެވެ.

ކިޔެވުން ނިންމާފައި އަހަރެންނަށް އާދެވުނީ ނުވަ އަހަރު ފަހުންނެވެ. އޭރު އެކުއްޖާ މަތިން އަހަރެން ހަނދާނެއްވެސް ނެތެވެ. އެކަމަކު މާލެއައިސް އާދަވެ ދުވަން ނުކުންނަ ގަޑިއަށް ސޯސަލް ސެންޓަރު ކައިރިއަށް ދެވުނު ފުރަތަމަ ދުވަހު އެކުއްޖާގެ މަތިން ހަނދާންވެއްޖެއެވެ. ތޮށިގަނޑުމަތީގައި އޭނާ އާންމުކޮށް އިށީނދެ އިން ސަރަހައްދު ފެނުމުންނެވެ.

އެކުއްޖާ ކޮބައިތޯ ބަލަން އަހަރެން ބޭނުންވިއެވެ. އޭނާވީތަނެއް ހޯދަން ބޭނުންވިއެވެ. އެކަމަކު އެކުއްޖާގެ ވާހަކަ އަހާނީ ކާކުގެ ގާތުގައި ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ދާނީ ކޮންތާކަށް ކަމެއް ނޭނގުނެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު ދުވަން ނުކުމެފައި އަހަރެން އެކުއްޖާފެނޭތޯ ބަލަމެވެ. އޭނާ އެތަނަށް އާދޭތޯ ބަލަމެވެ. ބައެއް ފަހަރު އަމިއްލަ މޮޔަކަންވެސް ހިތައް އަރައެވެ. މިހާރު އެކުއްޖާވެސް ހުންނާނީ ބޮޑުވެފައެވެ. އަށާރައަހަރު ފުރިފައެވެ. ވީއިރު މިހާރު އޭނާ ފެނުނަސް އަހަރެންނަށް ނޭނގިދާނެއެވެ.

އަހަރެންގެ ވަޒީފާ ފަހުން ބަދަލުވީ ޕީޖީ އޮފީހަށެވެ. ދައުލަތުން ވަކާލާތު ކުރާ މައްސަލަތަކުގައި އަހަރެން ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ދާންޖެހިއްޖެއެވެ. އެއްދުވަހަކު އޮފީހަށް ދިޔަތަނާއި އަހަރެންނާ ހަވާލުކުރީ ގަސްދުގައި މީހަކު މެރިކަމުގެ ކުށުގައި ކުޑަކުއްޖެއްގެ މައްޗަށް ކުރާ ދައުވާގެ ފައިލެކެވެ. އެމައްސަލައަށް ފަސް އަހަރުވެފައިވާއިރު މައްސަލައިގެ އަޑު އެހުންތައް އަދިވެސް ނުނިމެއެވެ. މައްސަލައިގެ ހުކުމާއި ހަމައަށް ނުދެވި އުޅެނިކޮށް ކުޑަކުއްޖެއްގެ އުމުރު ފަހަނައަޅައި އޭނާ ބޮޑުމީހަކަށްވެއްޖެއެވެ. އުމުރުން އަށާރަ އަހަރުވެއްޖެއެވެ.

އެދައުވާގެ ފައިލްތައް ކިޔައިބަލައި ނިމުނު އިރު އަހަރެން ހުރީ ބޯއަނބުރައިގަންނަ ވަރުވެފައެވެ. އެންމެ އަސަރުކުރީ އެކުއްޖަކީ ޔާސީން ކަމުގައި ވިތީއެވެ. އަހަރެން ނުކުންނަށް މިޖެހުނީ އޭނާގެ އިދިކޮޅު ވަކީލުގެ ގޮތުގައެވެ. އޭނާގެ ދިރިއުޅުމަށް ވީގޮތާއި އޭނާދީފައިވާ ބަޔާންތަކުންނާއި އޭނާގެ ދިރިއުޅުން ހުރިގޮތާއި މެދު ހަދާފައިވާ ކޭސް ސްޓަޑީ ރިޕޯޓުން، އަހަރެން ކުރިމަސައްކަތުންވެސް އޭނާއަށް ދައުލަތުގެ ހިމާޔަތެއް ނުލިބި އުޅެންޖެހުނީ މަގުމަތީގައިކަން އެނގުނެވެ. އަދި އެއުޅުމުގެ ތެރޭގައި ގޭންގުތަކާއި ގުޅި މަސްތުވާތަކެތީގެ ވަބާގައިޖެހި އެކުއްޖާގެ ދިރިއުޅުން ފަނާވީކަން އެނގުނެވެ.

ކޯޓުގައި އެތައް އަހަރެއްފަހުން އޮތް މައްސަލައިގެ ޝަރީއަތަށް އަހަރެން ދިޔަ ފުރަތަމަ ދުވަހު ކޯޓުތެރެއިން އޭނާފެނުމުންވެސް އަހަރެންގެ ހިތް ހަމްދަރުދީން ފުރުނެވެ. ލޮލުން ކަރުނަ ހިލުނެވެ. އޭނާއާއި ދެކޮޅަށް ވަކާލާތުކުރަން ހިތެއް ނުރުހުނެވެ. އެއީ އޭނާ އެހިސާބަށް ދިޔައީ އޭނާގެ އެކަނި ކުށަކުން ނޫނެވެ. އޭނާގެ ގެއްލުނު ހައްގުތަކާއި މެދު ވަކާލާތު ނުކޮށް އޭނާކުރިކުށަށް އަދަބު ދޭނަމަ އެކުށުގެ ވެއްޓަށް އޭނާ ނެރުނު މީހުންނަށް އަދަބެއް ނުދެވުމަކީ، ނުވަތަ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ އޭނާއަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވި އިރު އެކަން ކޮށް ނުދިން މީހުންނަށް އެމީހުންގެ ކުށުގެ އަދަބު ނުދެވުމަކީ އިންސާފެއްކަމުގައި އަހަރެންނަށް އެއްބަސް ނުވެވޭތީއެވެ. އެހެނީ އޭނާގެ ހައްޤުގައި އޭރު އަހަރެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރީމެވެ. އާދޭސްކުރީމެވެ. ކުށްކުރަން މަޖުބޫރު ކުރުވާފައި އެކަން މަޖުބޫރު ކުރުވި މީހުންނަށް އަދަބެއް ނުލިބި އެކުށްކުރި މީހާއަށް އެކަނި އަދަބު ލިބުމަކީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

އަހަރެން އޭނާގެ ދިފާއީ ވަކީލާއި ވާހަކަދެއްކުމުން ދެން ލިބުނީ އަހަރެންގެ ހިތާމަ އެތައްގުނައަކަށް އިތުރުވި ޚަބަރެކެވެ. އެކުށްކުރީވެސް އެކުއްޖާއެއް ނޫނެވެ. ގޭންގުން އޭނާއަށް މަޖުބޫރުކުރުވައި އެކަމާއި ހަވާލުކުރުވީއެވެ. އޭނާއަށް ހިމާޔަތެއް އެހީތެރިކަމެއް ދޭނެ މީހަކު ނެތީމައެވެ. އޭނާއާއި ދެކޮޅަށް ހެކިތައް އުފައްދާފައި އެބަހުއްޓެވެ. އެކަމަކު އެއީ ތެދުނޫން ހެކިކަން ޖަސްޓިފައިކޮށްދެވޭނެ ގޮތެއް ދިފާއީ ވަކީލަށްވެސް ނެތެވެ.

އަހަރެން އެމައްސަލަ ދޫކޮށްލައި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން އެކުއްޖާއާއި ދެކޮޅަށް ވަކާލާތުކުރަން ދެކޮޅު ހެދީމެވެ. ހައްޤުނޫން ގޮތުގައި އޭނާއަށް ލިބޭ އަދަބުގައި އަހަރެންގެ ބައިވެރިވުމެއް ނުދޭން ވެގެންނެވެ. ހަމައެކަނި އަހަރެން މައްސަލަ ދޫކޮށްލީކީ ނޫނެވެ. ސަރުކާރުގެ ވަޒީފާވެސް ދޫކޮށްލީއެވެ. ކިޔެވުމަށް ދިޔަ ޚަރަދު އޮފީހަށް އަނބުރާދިނުމަށް އެއްބަސްވެ އިޤުރާރުވުމަށް ފަހުގައެވެ. އެހެނީ މައުސޫމު ކުށެއްނެތް ކުއްޖެއްގެ ހަޔާތް ބަރުބާދުވެ ދިޔައިރު އެކަމުގައި އަހަރެންނަށްވެސް އެހީތެރިކަމެއް ދެވެން ނެތަތީއެވެ.

އެދުވަހުގެ ފަހުން އަހަރެން މިމަސައްކަތް ކުރަނީ ދައުލަތުގެ ސިޔާސަތުތަކަށް ފާޑުކިޔާ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އަހަރެންނަށް އެނގެއެވެ. އެކުއްޖާފަދައިން އެތައްކުއްޖެއްގެ ދިރިއުޅުން ގެއްލި ހިނގައްޖެއެވެ. އެކަމަކު ދެން އެހެން ވިޔަ ނުދޭން އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަމެވެ. އެއީ މިމުޖުތަމައަށްޓަކައި އަހަރެންގެ ބޮލުގައި އެޅިފައިވާ ފަރުދީ ވާޖިބަކަށް ވާތީއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *