މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ނަގާ ކުނި ޖަމާކުރުމަށް މާލޭގެ ސިނާއީ ސަރަހައްދުގައި ޤާއިމްކުރާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، މިއަހަރުގެ ޖުލައި މަހު ބޭނުންކުރަން ފެށޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މި ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ހެނދުނު ނޫސްވެރިންނަށް ދައްކާލުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ.
މިތަނުގައި ހަދަނީ ވެމްކޯ އިން ކުނި ޖަމާކުރަން ތިންބުރީގެ އިމާރާތަކާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި ވެމްކޯގެ އޮފީސް ހިންގަން ހަދާ އިމާރާތެކެވެ. ދެ އިމާރާތުގައިވެސް މިހާރު ކުރިއަށްދަނީ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިންމާފައިވީ ނަމަވެސް މަސައްކަތް އެއްކޮށް ނިމޭނީ އެތަނުގައި ވަސީލަތްތައް ގާއިމުކޮށް ނިމުމުން ކަމަށެވެ.
"އުއްމީދު މިކުރަނީ އެންމެ ލަސްވެގެން ވެސް މިއަހަރުގެ ޖުލައިގައި މިތަން ބޭނުންކުރަން،" ޝައުނާ ވިދާޅުވި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އިމާރާތް ބޭނުންކުރަން ފެށުމާއެކު މިހާރު އުޅަނދުތަކުގައި ބަންދު ނުކޮށް ތިލަފުށްޓަށް ގެންދާ ބައެއް ކުނި ކަނޑަށް އެޅޭ މައްސަލަ މުޅިން ހައްލުވެ، ކޮންޓެއިނަރުގައި ކުނި ބަންދުކޮށްގެން ތިލަފުށްޓަށް ގެންދަން ފެށޭނެ ކަމަށެވެ.
"އޭރުން ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ،" ސިރާޖު ވިދާޅުވި އެވެ.
މާލެ، ހުޅުމާލޭ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހަވާލުކުރި މަޝްރޫއުގެ ދަށުން ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމާއި ތަނަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް އިންސްޓޯލްކުރާނީ ވެސް ސީއެސްސީއީސީންނެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ނަގާ ކުނި ޖަމާކުރާ ތަނެވެ. އެތަނުގައި ކުނި އެކި ބައިތަކަށް ބައިބައި ކުރުން ވެސް ކުރިއަށް ދާނެ އެވެ.
ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ތިލަފުށީގައި ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައެވެ. މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޓީއޭއެސްއެފް އާއި ޖޭއެފްފީއާއާރް އަދި ދިވެހި ސަރުކާރުން 11.8 މިލިއަން ޑޮލަރު — 183 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ހިންގާ މަޝްރޫއެކެވެ. މިމަޝްރޫއު ފެށުމާ އެކު ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށްފަހު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ކޮމެންޓު ފޮނުވާ