ރޯދައަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަން!

ރޯދައަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަން!

އަޚުންނޭވެ. ރޯދަ އަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަމެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމކުގެ ގޮތުން ކުރެވޭނެ އެންމެ ބޮޑު އެއް ކަމެވެ. ރޯދައިގެ މާތް ކަމާއި ގުޅޭ ގޮތުން އެތައް ޙަދީޘެއް ވާރިދުވެފައިވެއެވެ.

ރޯދައިގެ މާތް ކަމުގެ ތެރޭގައި: އެއަޅުކަމަކީ ހުރިހާ އުއްމަތްތަކުގެ މީހުންގެ މައްޗަށް ފަރްޟު ކުރެއްވި އަޅުކަމެއް ކަމުގައި ވުން ހިމެނެއެވެ. ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ   ) މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ."

ރަމަޟާން މަހު ރޯދަ ހިފުމުގެ މާތް ކަމުގެ ތެރޭގައި، އެއީ ފާފަ ފުއްސެވުމަށް މެދުވެރިވާ ކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ   ) މާނައަކީ: "އީމާންކަމާއި އެކު، މާތް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި ރަމަޟާން މަހު ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަ އެއް މާތް ﷲ ފުއްސަވައި ދެއްވާނެތެވެ."

ރޯދައިގެ މާތް ކަމުގެ ތެރޭގައި، ގިޔާމަތް ދުވަހުގައި އޭގެ އަހްލުވެރިންނަށް ޝަފާޢަތްތެރި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ ، فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ : مَنَعْتُهُ النَّوْمَ بِاللَّيْلِ ، فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ) މާނައަކީ: "ގިޔާމަތް ދުވަހުގައި މާތް ﷲ ގެ އަޅުތަކުންނަށް ރޯދަ އާއި ގުރްއާން ޝަފާޢަތްތެރި ވާނެއެވެ. ރޯދަ ބުނާނެތެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ދުވާލުގަޑީގައި އޭނާ ކެއުމުންނާއި ޝަހްވަތުން މަޙްރޫމް ކުރީ ތިމަންނާއެވެ. އެހެންކަމުން އޭނާ އަށް ތިމަންނާގެ ޝަފާޢަތް ދެއްވާށެވެ. އަދި ގުރްއާން ބުނާނެތެވެ. ރޭގަނޑު އޭނާގެ ނިދި ނަގާލީ ތިމަންނާއެވެ. އެހެންކަމުން ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. އެދޭތީގެ ޝަފާޢަތް އޭގެ އަހްލުވެރިންނަށް ލިބޭނެތެވެ."

އަޚުންނޭވެ. ރޯދައިގެ މަތިވެރިކަން ޙާޞިލް ކުރެވޭނީ އޭގެ އަދަބު ތަކާއި އެއްގޮތަށް ރޯދަ ހިފިގެންނެވެ. އެހެންކަމުން، އަންގަވާފައިވާ ގޮތަށް ރޯދަ ހިފޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ޝަފާޢަތްތެރިޔަކު ކަމުގައި ރޯދަ ލައްވާފާންދޭވެ. އަދި އަޅަމެންގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވާފާންދޭވެ. އަޅަމެންގެ މައިންބަފައިންނާއި އެންމެހައި މުސްލިމުންގެ ފާފަ ފުއްސަވައި ދެއްވާފާންދޭވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *