އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން، އެޓީމުގެ އެންމެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އާއި ނުލައި ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.
މެޗަށް ސިޓީން ނިކުތްއިރު، ހާލަންޑްގެ ބަދަލުގައި ކުޅެން އަރާފައިވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒަށެވެ. މި މެޗުގައި އަލްވަރޭޒް ވަނީ ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައި ޑިއޮގޯ ޖޮޓާ ފޯރުކޮށްދިން ބޯޅައަކުން މުހައްމަދު ސަލާހުއެވެ. ލިވަޕޫލުން ލީޑު ނެގިތާ 10 މިނެޓު ފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ފޯރުކޮށްދިން ބޯޅައަކުން އަލްވަރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކައިގެންނެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން ފެނިގެން ދިޔައީ ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަތަނެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑު ނަގައި ދިނީ، 46 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ފޯރުކޮށްދިން ބޯޅައަކުން، ކެވިން ޑި ބްރޫނޭއެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި އިލްކާއި ގުންޑޮގާން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރު ވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޫނޭ ފޯރުކޮށްދިން ބޯޅައަކުން ޖެކް ގްރީލިޝްއެވެ.
ލީގުގައި ދެން ސިޓީން ސައުތްހެމްޓަނާއި ބައްދަލު ކުރާއިރު، ލިވަޕޫލުން ބައްދަލުކުރާނީ ޗެލްސީއާއި ދެކޮޅަށެވެ. ސިޓީން ލިވަޕޫލާއި ދެކޮޅަށް މެޗު ކުޅުމުގެ ކުރިން އެޓީމު އޮތީ 61 ޕޮއިންޓާއި އެކީ ތާވަލުގެ ދެވަނައިގައެވެ. މި މެޗުން ލިބުނު މޮޅާއި އެކީ ވެސް 64 ޕޮއިންޓާއި އެކީ ސިޓީ އޮތީ އަދިވެސް ދެވަނައިގައެވެ.