ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުވާނީ ދެގޮތުން ކުރެ އެއް ގޮތަކުންނެވެ. އެއީ:
- ރަމަޟާން މަހުގެ ހަނދު ފެނުން. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) މާނައަކީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا رَأَيْتُمُ الْهِلَالَ فَصُومُوا ) މާނައަކީ: "ތިޔަބައިމީހުންނަށް ހަނދު ފެނިއްޖެނަމަ ރޯދަ ހިފާށެވެ."
ކޮންމެ މީހަކަށް ވަކި ވަކިން ހަނދު ފެނުން ލާޒިމެއް ނޫނެވެ. ނަމަވެސް، ހެކިބަސް ގަބޫލު ކުރެވޭ ފެންވަރުގެ ބަޔަކަށް ހަނދުފެނިއްޖެނަމަ ކަމަށް ހެކިބަސް ދީފިނަމަ ރޯދަ ހިފުން އެންމެންގެ މައްޗަށް ވާޖިބު ވެގެން ދެއެވެ.
ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭމީހާ އަކީ ބާލިޣްވެފައިވާ، ބުއްދި ސަލާމަތުން ހުރި، މުސްލިމެއް، އަދި އެމީހެއްގެ އަމާނާތް ތެރި ކަމާއި ލޮލުގެ ފެނުމާއި މެދު އިތުބާރުހިފޭވަރުގެ މީހަކަށް ވާންވާނެއެވެ. ކުޑަ ކުއްޖަކަށް ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދިންނަމަވެސް އެކަން ގަބޫލެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ބުއްދި ހަމަ ނުޖެހޭ މީހުންވެސް މެއެވެ. އަދި ކާފިރުންގެ ހެކިބަސްވެސް މިކަމުގައި ގަބޫލު ނުކުރެވޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَبْصَرْتُ الْهِلَالَ اللَّيْلَةَ ، قَالَ : " أَتَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ " , قَالَ : نَعَمْ ، قَالَ : " يَا بِلَالُ , أَذِّنْ فِي النَّاسِ ، فَلْيَصُومُوا غَدًا ) މާނައަކީ: "އަޢްރާބީންގެ މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ބުންޏެވެ. "މިރޭ އަހަންނަށް ހަނދު ފެނިއްޖެ އެވެ." ޙަދީޘް ކުރެއްވިއެވެ. "ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާ ކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލާންގެ އަޅާ ކަމަށާއި ރަސޫލާ ކަމަށް ތިބާ ހެކިވަން ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "އާދޭހެވެ." ޙަދީޘް ކުރެއްވިއެވެ. "ބިލާލެވެ. މާދަމާ ރޯދަ ހިފުމަށް މީސްތަކުންނަށް ގޮވާލާށެވެ."
އެމީހެއްގެ ޚަބަރު ގަބޫލު ނުކުރެވޭ، ނުވަތަ ލޮލުގެ ފެނުން ކޮށި މީހަކު ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދިންނަމަވެސް އެކަން ގަބޫލެއް ނުކުރެވޭނެއެވެ.
އެކެއްގެ ހެކިބަހުންވެސް ރަމަޟާން މަހުގެ ހަނދު ޘާބިތުވާނެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (تَرَاءَى النَّاسُ الْهِلالَ ، فَأَخْبَرْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنِّي رَأَيْتُهُ ، فَصَامَ وَأَمَرَ النَّاسَ بِصِيَامِهِ ) މާނައަކީ: "މީސްތަކުން ހަނދު ހޯދަން އުޅެނިކޮށް، ތިމަންކަލޭގެފާނަށް ހަނދު ފެނިއްޖެ ކަމުގެ ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދިނީމެވެ. އެހިނދު އެކަލޭގެފާނު ރޯދަ ހިއްޕަވާ އަދި މީސްތަކުންނަށް ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ."
ޔަގީން ކަމާއި އެކު ހަނދު ފެނިއްޖެނަމަ، އެކަމުގެ ޚަބަރު ކަމާއި ބެހޭ ފަރާތް ތަކަށް ދޭންވާނެއެވެ. ހަމައެފަދައިން ޝައްވާލް އާއި ޛުލްޙިއްޖާގެ ހަނދުވެސް މެއެވެ. ސަބަބަކީ އޭގެ މައްޗަށް ރޯދަ ހިފުމާއި ވީއްލުމާއި ޙައްޖު ބިނާވެފައިވާތީވެއެވެ. އެކަމަކާއި ނުލައި ވާޖިބު ކަމެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ.
މީހަކަށް ހަނދުފެނި، އޭނާ ހުރި ހިސާބުގެ ގޮތުން މަސްއޫލުވެރިންނަށް އެކަމުގެ ޚަބަރު ނުދެވުނުނަމަވެސް، އެފަދަ މީހަކު ރޯދަ ހިފަންވާނެއެވެ. އަދި ކަމާއި ބެހޭ ފަރާތްތަކަށް ޚަބަރު ފޯރު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ.
ސަރުކާރުގެ ފަރާތުން ރޯދަ މަސް ވަދެއްޖެކަން އިޢްލާން ކޮށްފިނަމަ އެކަން ގަބޫލު ކޮށް، އެއަށް ޢަމަލު ކުރަންވާނެއެވެ. ރަމަޟާން މަސްވަނުމާއި ނިމުމުގައިވެސް މިގޮތަށް ޢަމަލު ކުރަންވާނެއެވެ. ސަބަބަކީ ސަރުކާރުގެ ފަރާތުން އިޢްލާން ކުރުމަކީ ޝަރްޢީ ޙުއްޖަތެކެވެ. އެޔަށް ޢަމަލު ކުރުން ވާޖިބުވާނެ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހަނދު ފެނިއްޖެ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަން މީސްތަކުންނަށް އެންގެވުމަށް ބިލާލަށް އަމުރު ކުރެއްވުމުން ދޭހަވަނީ އެގޮތެވެ.
ހަނދު ފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމެއް ނެތެވެ. ސަބަބަކީ ރޯދަ ހިފުމާއި ދޫކޮށްލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިނާ ކުރައްވާފައިވަނީ ހަނދު ފެނުމަށެވެ. ޙަދީޘް ކުރެއްވިއެވެ. (إِذَا رَأَيْتُمُ الْهِلَالَ فَصُومُوا ، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا ) މާނައަކީ: "ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ."
- ރަމަޟާން މަސް ވަނުން ޘާބިތުވާނެ ދެވަނަ ގޮތަކީ: ޝަޢްބާން މަހުގެ 30 ދުވަސް ހަމަވުމެވެ. ސަބަބަކީ ހަނދު މަހެއް 30 ދުވަހަށް ވުރެ އިތުރު ނުވާނެތީވެއެވެ. އަދި 29 ދުވަހަށް ވުރެ މަދެއް ނުވާނެއެވެ. ފަހަރުގައި ވިދިވިދިގެން ހަތަރުމަސް ވަންދެން 30 ދުވަހުގެ މަހެއް އަތުވެދާނެއެވެ. ހަމައެފަދައިން ވިދިވިދިގެން ހަތަރު މަސް ވަންދެން 29 ދުވަހުގެ މަހެއް ވެސް އަތުވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެއްމަސް ނުވަތަ ދެމަސް ފުރިހަމަ ވެފައި ތިން ވަނަ މަސްވާނީ އުނި މަހަކަށެވެ. ނުވަތަ 29 ދުވަހުގެ މަހަކަށެވެ. ނިމޭ މަހުގެ 30 ހަމަވެއްޖެނަމަ، ހަނދު ނުފެނުނު ކަމުގައި ވީނަމަވެސް ވިދިގެން އަންނަ މަސް ފެށުން ކަމަށް ބެލެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ ، فَإِنْ غُمِّيَ عَلَيْكُمُ الشَّهْرُ ، فَعُدُّوا ثَلَاثِينَ )މާނައަކީ: "ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ. (ޢީދު ކުރާށެވެ). ހަނދު ނުފެނިއްޖެނަމަ މަހުގެ ތިރީސް ދުވަސް ހަމަކުރާށެވެ."
އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَفَّظُ مِنْ شَعْبَانَ مَا لَا يَتَحَفَّظُ مِنْ غَيْرِهِ ، ثُمَّ يَصُومُ لِرُؤْيَةِ رَمَضَانَ ، فَإِنْ غُمَّ عَلَيْهِ عَدَّ ثَلَاثِينَ يَوْمًا ثُمَّ صَامَ )މާނައަކީ: "ޝަޢްބާން މަހުގައި އެހެން މަސްތަކާއި ތަފާތުކޮށް ހަނދު ހޯއްދެވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަސައްކަތް ކުރައްވައެވެ. އަދި ހަނދު ފެނިއްޖެނަމަ ރަމަޟާން މަހު ރޯދަ ހިއްޕަވައެވެ. ނުފެނިއްޖެނަމަ ޝަޢްބާން މަހުގެ 30 ދުވަސް ހަމަކުރެއްވުމަށްފަހު ރޯދަ ހިއްޕަވައެވެ."
މި ޙަދީޘް ތަކުން ދޭހަވަނީ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ކުރިން ރޯދަ އެއް ނުހިފޭނެއެވެ. ހަނދު ނުފެނިއްޖެނަމަ ޝައްބާން މަހުގެ 30 ދުވަސް ހަމަކުރަން ޖެހޭނެއެވެ. ވިއްސާރަކޮށް އޮތްނަމަވެސް، ރީތިކޮށް އޮތްނަމަވެސް ހަނދު ނުފެނި ރޯދަ އެއް ނުހިފޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ صَامَ الْيَوْمَ الَّذِي يَشُكُّ فِيهِ النَّاسُ ، فَقَدْ عَصَى أَبَا الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) މާނައަކީ: "މީސްތަކުންނަށް ޝައްކުވާ ދުވަހެއްގައި ރޯދަ ހިފައިފިމީހާ އަބުލް ގާސިމް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އުރެދިއްޖެ އެވެ."