ރާއްޖޭގެ އާބާދީ 5 ލައްކައަށްވުރެ އިތުރުކަމަށާއި ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ނުވަ އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ ތަފާސް ހިސާބުތައް އާންމު ކުރިއިރު، ދިވެހިންގެ އާބާދީއަކީ 382،751 އެވެ. އެއީ 2014 ވަނަ އަހަރު ބޯހިމެނި އިރަށްވުރެ 44،317 މީހުން އިތުރުވުމެވެ. އަދި ބިދޭސީންނާ އެކު ރާއްޖޭގެ ޖުމްލަ އާބާދީ 515،122 އަށް މިހާރު އަރައެވެ.
ރާއްޖޭގެ ޖުމްލަ އާބާދީގެ 26 ޕަސެންޓަކީ މިހާރު ބިދޭސީންނެވެ. އެއީ 132،000 އަށް ވުރެ ގިނަ ބިދޭސީންނެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އޭރު ބިދޭސީ އާބާދީ އޮތީ 63،000 ގައެވެ. އަދި، އާބާދީގެ 41 އިންސައްތަ ނުވަތަ 212،138 މީހުން ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގަ އެވެ. ރަށްރަށުގައި 236،747 މީހުން ދިރިއުޅެމުންދާއިރު ރިސޯޓުތަކުގައި 52،396 މީހުން އުޅެމުންދާ ކަމަށް ދައްކަ އެވެ. ސިނާއީ ރަށްތަކުގައި އުޅެމުން ދަނީ 13،841 މީހުންނެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަބާދީގެ ނިސްބަތުން މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު 2014 އަޅާބަލާއިރު ވަނީ ދެ އިންސައްތަ އުފުލިފައެވެ. މާލޭގެ އަވަށްތަކަށް ބަލާއިރު އެންމެ ގިނަ މީހުންގެ ބޯ ގުނާފައި ވަނީ ހުޅުމާލޭންނެވެ. އެއީ، މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން 33 އިންސައްތަ އެވެ. ހުޅުމާލޭގެ އާބާދީ ވަނީ މިދިޔަ ނުވަ އަހަރުގެ ތެރޭ 16.82 އިންސައްތަ އުފުލިފައެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅުންދަނީ އައްޑޫ ސިޓީގައެވެ. އައްޑޫގެ އާބާދީއަކީ 25،053 ކަމަށް ދައްކާއިރު ދެވަނައަށް އެންމެ މީހުން ގިނަ އަތޮޅު ކަމަށްވާ ހދ. ގެ އާބާދީއަކީ 22،534 މީހުންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 500 މީހުން ހަމަނުވާ 40 ރަށް އޮތް ކަމަށް ބޯހިމެނުމުން އެނގެއެވެ. އަދި، 1000 މީހުން ހަމަނުވާ 72 ރަށް އެބައޮތެވެ. 10،000 މީހުންނަށް ވުރެ ގިނައިން ރާއްޖޭގައި މީހުން ދިރިއުޅެނީ އެންމެ ތިން ރަށުގައެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވީ ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލް މަޢުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީޚުތައް އާއްމުކޮށް އަންގަމުން ގެންދާނެކަމަށްވެސް އެ ބިއުރޯއިން ވިދާޅުވެއެވެ.
އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ވީހާވެސް ފުޅާދާއިރާއެއްގައި ހާމަކޮށް ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ