ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2023 03:45
0

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ތުޙުމަތުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ގިނަ ހުށަހެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި އަންގާފައިވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން އަމުރުކުރާ ކަމަށެވެ.

ފުއްގިރި މައްސަލާގައި ހައި ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.