ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން، ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށް މިއަދު ހައި ކޯޓުގައި އެދިއްޖެއެވެ.
މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ ކްރިމިނަލް ކޯޓުގައި ނިންމާލާފައިވަނީ 21 ފެބްރުއަރީ 2023 ގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިއަދު ކުރިއަށް ގެންދިޔައީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. މި މައްސަޅާގައި ރައީސް ޔާމީންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުޙުމަތުކޮށްފައިވެއެވެ.
ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތަކޔގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ގިނަ ހުށަހެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައަށް ގޮތެއް ނިމެންދެން ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތައް މަޑު ޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ. އިސްތިއުނާފީ ނުކުތާތަކުގެ ޝަރީއަތް ކުރިއަށްދާއިރު މިފެށޭ އޭޕްރީލް 4 ވަނަ ދުވަހު އަޑު އެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން އަމިރެއް ލިބިފައިވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ މިފަދަ މައްސަލަތައް ބެއްލެވުމަށް ހައި ކޯޓަށް ދީފައި އޮންނަ ކުރު މުއްދަތުގައި ކްރިމިނަލް ކޯޓުން އާންމުކޮށްވެސް ޝަރީއަތް މަޑު ޖައްސާލާ ކަމަށެވެ. މިކަމުގައި ވަގުތީ އަމުރެއް ނެރެ ދިނުމާއިމެދު ދައުލަތުގެ އެއްވެސް އިއުތިޒާރެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ އަޑު އެހުމުގައި ވަގުތީ އަމުރެއް ނެރެ ދިނުމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
ދެފަރާތުގެ ވާހަތަކަށް ބެއްލެވުމަށްފަހު މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، ދެން އޮންނަ އަޑު އެހުމެއްގައި މިމައްސަލައިގެ އަޑުއެހުންތައް އެކޮށް ނިންމާލެވޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ