ތަފާތު އެކި ސަބަބުތަކާއި އެކުވެސް އެއްވެސް މީހަކާއިމެދު ފިޔަވަޅު އެޅުމަކީ އޭގައި ހިތިކަމާއި ފޮނިކަން އެކުލެވޭ ކަމެއްކަން ރައީސް ޞާލިހަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެކަމަށް ހޯމް މިނިސްޓަރ، އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރއިމަރީއަށްފަހު އެސްޓީއޯގެ އެމްޑީ ހެސެއިން އަމްރު ރައީސް ނަޝީދަށް ތާއީދުކޮށް ކުރަމުންދިޔަ މަސައްކަތްތަކާއިއެކު އޭނާ ވަކި ކުރުމުން އެކަމާއި ގުޅިވައިގެން ކުރެއްވި ޓުވީޓެއްގައެވެ. އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރަމުންދާ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކި ކުރުމަށް ރައީސް އޮފީހުުން ޕީސީބީއަށް ފޮނުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ އެ މަގާމުތަކަށް ޕީސީބީން އައްޔަންކުރީ ނޮވެމްބަރު 18، 2018 ގައެވެ. ޕީސީބީން ވަނީ އަމްރު ވަކި ކުރަން ފޮނުވިތާ 5 ވަރަކަށް ގަޑިއިރު ތެރޭ އޭނާ މަޤާމުން ވަކިކޮށްފައެވެ.
މިކަމާއި ގުޅިގެން އިމްރާން ވިދާޅުވީ ފިޔަވަޅު އެޅުމަކީ ފޮނިކަމާއި ހިތިކަން އެކުލެވޭ ކަމެއްކަން ރައީސް ޞާލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނޭ ބޭފުޅެއް ކަން އެމަނިކުފާނު ދަންނަ އެންމެހައި ފަރާތްތަކަށް އެނގޭނެކަން ފާހަގަކުރައްވައި ޢިމްރާން އިތުރަށް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ހިކުމަތްތެރި ކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު ކަމަށެވެ.
ރައީސް ޞާލިހަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފިޔަވަޅު އެޅުމަކީ، ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ އެއްޗެއްކަން. ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެކަން ދަންނަ މީހުންނަށް އެނގޭނެ. ކޮންމެ ކަމެއްގައިވެސް ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު.
– އިމްރާން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ކައިރިވަމުންދާއިރު ރައީސް ޞާލިހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމަނިކުފާނަށް ތާއީދު ނުކުރާ ގިނަ ބަޔަކާއިއެކު ހެދިފައި އޮތް ކޯލިޝަނެއްގެ ތެރެއިން އިންތިޚާބާއި ހަމައަށް ދިއުމެވެ. ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޖޭޕީން ވަނީ އެމްޑީޕީއާއިއެކު ކުރިއަށް ނުގޮސް ވަކިން ވާދަ ކުރުމަށް ނިންމާފައެވެ. އަދި އެމްއާރުއެމްއިވެސް ސަރުކާރާއިއެކު ކުރިއަށްދާނެކަމަށް ނުބެލެވެއެވެ.
މިދެޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ސަރުކާރުގައި ތިބިއިރު ރައީސް ވިދާޅުވެފައިވަނީ އެކީގައި މަސައްކަތް ނުކުރެވޭނަމަ ޖެހޭނީ ކޯލިޝަނުން ވަކިވާން ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ބަޔަކު މަޤާމުތަކުން ވަކިކުރާތަން ފެނުމަކީ ދުރު ކަމެއް ނޫނެވެ.