ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
މި ތަކެތި އެ ދެފަރާތާއި ހަވާލުކޮށްދެއްވީ، އެފްއޭއެމްގެ ފަައުންޑޭޝަން ރަސްމީކޮށް އިފްތިތާހުކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގަ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެފްއޭއެމްއަށް އެކިފަރާތްތަކުން ފޯރުކޮށްދީފައިވާ ޕާސަނަލް ޕްރޮޓެކްޓިވް އެކުއިޕްމަންޓް (ޕީޕީއީ)ގެ ގޮތުގައި 20،000 ފޭސް މާސްކާއި 20،000 އަންގީގެ އިތުރުން 5000 ސެނިޓައިޒަރ ފުޅި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާ ހަވާލުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ މިނިސްޓަރު ޑރ. އައިޝަތު ޢަލީއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއޫގެ އެފްއޭގެ ފަރާތުން އެފްއޭއެމަށް ލިބިފައިވާ 200 ޕީސީއާރް ކިޓްވެސް (10،000 ޓެސްޓް ހެދޭނެ) އައިޖީއެމްއެޗާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. އައިޖީއެމްއެޗްގެ ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު މުޙައްމަދު ސައީދެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ޔޫއޭއީ އެފްއޭގެ ރައީސް ޝެއިހް ރާޝިދް އަލް ނުއައިމީ އާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޓުބޯޅަ އާއި ބެހޭ މައި އިދާރާ ޔޫއޭއީ އެފްއޭ އަދި ހެޔޮއެދޭ އިތުރު ފަރާތްތަކެއް މެދުވެރިކޮށް ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންކުރާ ބައެއް ސާމާނު އެފްއޭމުން ވަނީ ހޯދާފައެވެ.