ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަނުގެ މަޢުލޫމާތު އާންމުކުރަނީ

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަނުގެ މަޢުލޫމާތު އާންމުކުރަނީ

Author
އަޒްފާ ރަޝީދު
26 މާރޗް 2023 09:02
0

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންގެންދާ ތަންތަނުގެ މަޢުލޫމާތު ޢާންމުކުރާނެކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ދެއްވައިފިއެވެ.

އެޗްޕީއޭއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ އެއިދާރާއިން ބެލިބެލުމުން ޤަވާއިދާ ޚިލާފަށް، ކެއިންބުއިމުގެ ޚިދުމަތްދޭ ބައެއް ތަންތަނުން ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް މިގޮތަށް ފާހަގަކުރެވިފައިވަނީ ކޮން ބާވަތެއްގެ ކާބޯތަކެތީގެ ވިޔަފާރިތަކެއްކަން އެއޭޖެންސީއިން ހާމަކުރައްވާފައެއް ނުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާރިހުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދު"ގެ ދަށުން ކާބޯތަކެތީގެ ޚިދުމަތް ދޭންވާނީ އެޗްޕީއޭއިން ނުވަތަ އެޗްޕީއޭއިން ކަނޑައަޅާފައިވާ ފަރާތެއްގެ ހުއްދައާއި އެކުގައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މިޤަވާއިދާ ޚިލާފުވަމުންދާކަން މިހާރު ފާހަގަކުރެވިފައިވާތީ އެގޮތަށް ޢަމަލުނުކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިގޮތަށް ޢަމަލުކުރަމުންދާ ފަރާތްތަކުން، ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަނުގެ މަޢުލޫމާތު އެއޭޖެންސީން ޢާއްމުކުރަމުންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރަމަޟާން މަހާއި ދިމާކޮށް ކެއިންބުއިމުގެ ޚިދުމަތްދެމުންދާ ތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކޮށް އެތަންތަނުން ޤަވާއިދުތަކަށް ޢަމަލުކުރަމުންދާ މިންވަރު އެޗްޕީއޭއިން ބަލަމުން އަންނަ އިރު، ރަމަޟާން މަހާއި ދިމާކޮށް ޢާއްމުގޮތެއްގައި ކާބޯތަކެތީގެ ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ޢަދަދުތައް އިތުރުވެއެވެ.

ކާބޯތަކެތީގެ ޚިދުމަތް ދެމުން އަންނަ ބައެއް ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން މީގެ ކުރިންވެސް އެޗްޕީއޭއިން ފިޔަވަޅު އަޅަފައިވެއެވެ. އެގޮތުން ބައެއް ތަންތަން ޖޫރިމަނާކުރުމާއި، ބައެއް ތަންތަން ބަންދުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.