ބޮޑުތަކުރުފާނު މަގުގައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލުން މިއަދު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މާލެ އަކީ ޗާލުތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ތަކުރުފާނު މަގުގައިވަނީ ވަރަށް ގިނަ ކަދުރު ރުށްތަކެއް އިންދާފައެވެ. އެގަސްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް ކަދުރު ރުށްތަކުގެ ވަށައިގެން ޕިޓް ހަރުކޮށް އޭގައި ބޯގަން ވިލާ ގަސް ވަނީ ހައްދާފައެވެ.
ބޯގަން ވިލާ ގަސްތައް ޕިޓުގައި އިންދާފައި ވަނިކޮށް ގަސްތައް ވަގަށް ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓުގައި ބުނެފައިވަނީ މިކަން މިގޮތަށް ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. މާލެއަކީ ޗާލު ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަ ކުރަން. ވީމާ މިކަން މިގޮތަށް ނުކުރުމަށް ނަސޭހަތްތެރިވަން. ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު.
– ސިޓީ ކައުންސިލުން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަ ކުރަން.ވީމާ މިކަން މިގޮތަށް ނުކުރުމަށް ނަސޭހަތްތެރިވަން.1/2 pic.twitter.com/gWSddnZ7vH
— Male' City Council (@MaleCitymv) March 24, 2023
ބޮޑު ތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކަކީ މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ސިޓީ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ގެނައި ރުއްތަކެކެވެ. ކަދުރު ރުއްތައް ގެނެސް އިންދުމުގެ ބޭނުމަކީ މާލޭގެ މަލަމަތި ފެހިކޮށް، މަދުން ފަތް ފައިބާ ބާވަތްތަކުގެ ގަސްތައް އިންދައި މަގުތައް ސާފުކޮށް ބޭއްވުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ