އާދެ! މިއަދަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. މިއީ ރަޙުމަތާ ސަވާބާ މަޣްފިރަތުގެ މައްސަރެވެ. ﷲ ތަޢާލާ މީސްތަކުންނަށް ދެއްވި އަގުނުކުރެވޭފަދަ ހަދިޔާއެކެވެ. އެއީ މީސްތަކުންނަށްވާ އަގުބޮޑު ފަހި ފުރުސަތަކަށެވެ!
ފަހެ މި މައްސަރުގެ ހެޔޮކަން ލިބިގަންނަން ބޭނުންވާ މީހާ އެކަން ލިބިގަންނަ ހުށިކަމެވެ. އަދި މި މައްސަރުގެ ފައިދާ ލިބިގަންނަން ބޭނުންނުވެ ހުރިހާ ވަގުތަކާ ހަކަތަކެއް ބޭކާރު ކުރަން ވިސްނާ މީހާ ފަހެ އެހެން ނަހަދާ ހުށިކަމެވެ. ނަފްސު އެތަކެއް ހެޔޮކަމަކުން މަޙުރޫމު ކުރުމަކީ ނަފްސަށް ދެވޭ ބޮޑު ގެއްލުމެކެވެ. އަނިޔާއެކެވެ.
ފަހެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްފުޅު ކުރެއްވިއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) رواه النسائي މާނަ: “ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ.”
މި މައްސަރުގައި އަޅުގަނޑުމެންނަށް އޮތް އެންމެ ޚާއްޞަ ކަމަކީ ރޯދަ ހިފުމެވެ. ﷲ އަށްޓަކައި އަޅުތަކުން ކެއުން ބުއިމާއި، ޝަހުވަތްތަކުން ދުރުހެލިވެ ތިބެ ﷲއަށް ތަޤްވާވެރިވުމުގެ ގޮތުން އަދާކުރާ މަތިވެރި އަޅުކަމެވެ.
(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾) البقرة މާނަ: “ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ."
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. "مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (رواه البخاري ومسلم) މާނައީ: "އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ."
ރޯދައިގެ މަތިވެރިކަމާއި ބެހޭ ގޮތުން އެތަކެއް އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. އެގޮތުން އަންނަނިވި ޙަދީޘް ނިކަން ބައްލަވާށެވެ! أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ قَالَ اللَّهُ عَزَّ وَجَلَّ " كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ" މާނައަކީ: ”އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު އަހަރެން އެހީމެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައި، އާދަމުގެ ދަރިއާ ކުރާ ކޮންމެ ޢަމަލަކީވެސް އޭނާއަށްޓަކައި ވާ އެއްޗެކެވެ. ރޯދައަކީ ތިމަން ރަސްކަލާނގެއަށްޓަކައި ވާ އެއްޗެކެވެ. އަދި އެ ކަމަށްޓަކައި ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮޖަޒާ ދެއްވާނަމެވެ.”
އުންމީދަކީ އަދި ދުޢާއަކީ މި ރޯދަމަހަކީ އަޅުގަނޑުމެންގެ ހެޔޮކަމުގެ ފަތް ބަރުވާނެ މައްސަރެއްކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެން މިމައްސަރުގައި ހިފާ ރޯދައާއި އެހެނިހެން އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވުމެވެ. އާމީން.