ވެރިކަންކުރާ މައި ޕަޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ދެކޮޅަށް ނުކުންނަ އެޕާޓީގެ މެމްބަރުންނާމެދު ފިޔަވަޅު އެޅަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އަނެއްކާވެސް ގޮވާލައްވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނިކުންނަ މެމްބަރުންނާމެދު ޕާޓީގެ އަސާސީ ޤަވާޢިދުގައި ވާގޮތުގެމަތިން ފިޔަވަޅުއަޅަން ގޮވާލާކަމަށެވެ. އަދި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވައިގެން ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނާމެދުވެސް ފިޔަވަޅު އެޅުމަށާއި އެފަދަ ބޭފުޅުން މިހާރުން މިހާރަށް މަޤާމުން ދުރުކުރަން މަވޯޓާ ވަނީ ގޮވާލައްވާފައެވެ.
MDP ge riyaasee candidate aa dhekolhah nikunna memberunnaai medhu asaasee gavaaidhu gai vaa gothun fiyavalhu alhan govaalan. Sarukaaru ge siyaasee magaamu thakuga thibbevi efadha beyfulhun mihaarun mihaarah magaamun dhuru kurumah dhannavan
— Ibrahim Shareef (@AdduShareef) March 22, 2023
މަވޯޓާ މިހެން ގޮވާލެއްވިއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާގެ ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ މަޤާމުތަކިުގައި ތިއްބެވި ބޭފުޅުން އަންނަނީ ރައީސް ޞާލިޙާ ދެކޮޅަށް އަންނަ ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންނެވެ. އެގޮތުން ރޭ ނަޝިދު ފެކްޝަނުގެ ވަފުދެއް ޖުމްހޫރީ ޕާޓީއާ މަޝްވަރާކޮށްފައިވެއެވެ. އެމަޝްވަރާތަކުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރެވެ. އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ލަޠީފެވެ. ނަޝީދުގެ ވަފުދުން މަޝްވަރާކުރީ އަންނަ ރިޔާސީ އިންތިޚާބުގައި ނަޝީދު ފެކްޝަނާއި ޖޭޕީން ގުޅިގެން މަސައްކަތް ކުރުމަށާއި، ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭގޮތުންނެވެ.