އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ތަންފީޒު ކުރަން ފަށައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން މޫނު ބުރުއާ އަޅައިގެން ސްކޫލަށް ދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފަޔަކަށް އެދުމުން މިނިސްޓްރީން ވަނީ ޔުނީފޯމް ކޯޑު މިހާރު އޮތް ގޮތަށް ސްކޫލަށް ދަރިވަރުން ހާޒިރުކުރުމަށް އަންގާ ޑިސެމްބަރު މަހު އެ ސްކޫލަށް ސިޓީއެއް ފޮނުވާފައެވެ. އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑުގައި އަންހެން ކުދިން ލާންޖެހޭނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅެވެ. އަދި ފިރިހެން ކުދިން ލާން ޖެހޭނީ ގަމީހާއި ފަޓްލޫނެވެެ.
ސްކޫލަށް މޫނުބުރުގާ އަޅައިގެން ދިއުން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެ ސްކޫލްގެ ބައެއް ބެލެނިވެރިންވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި، މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެދުމުންނެވެ. އަދި މިނިސްޓްރީގެ އެންގުމާ އެކު، އެ ސްކޫލުން އަންނަނީ މޫނު ބުރުގާ އަޅާ ކުދިންނާއި ބެލެނިވެރިންނާ ވާހަކަދައްކަމުންނެވެ.
އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ. ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެބަތިބި ކަމަށްވެއެވެ.
މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން މޫނު އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބެލެނިވެރިން ބުނީ މިއީ، ދަރިވަރުންނަށް ބިރު ދައްކައި ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ރާއްޖޭއަކީ އިސްލާމީ ގައުމެއްކަން ފާހަގަކުރަމުން ބެލެނިވެރިޔާ ބުނީ މި ގައުމުގައި ނިވައިކަން ކުޑަކޮށް ހެދުން ކުރުމުގެ ހުއްދަ އޮންނަ ކަމަށެވެ. އެހެންކަމުން އެއްކޮށް ފޮރުވިގެން ތިބޭ ކުދިންނަށް ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އެޑިއުކޭޝަންގެ އެ ނިންމުމަކީ ވަރަށް ވިޔާ ނުދާ ނިންމުމެއް ކަމަށް ބެލެނިވެރިޔާ ސިފަ ކުރިއެވެ.
ކޮމެންޓު ފޮނުވާ