ރައީސް އާއި އެމްއާރުއެމްގެ ބައްދަލުވުން ގޮތެއް ނުނިންމުނު، ނިންމީ އިތުރަށް މަޝްވަރާކުރަން

ރައީސް އާއި އެމްއާރުއެމްގެ ބައްދަލުވުން ގޮތެއް ނުނިންމުނު، ނިންމީ އިތުރަށް މަޝްވަރާކުރަން

ކޯލިޝަނަކަށް ދާން ނުވަތަ ނުދާން ނިންމުމުގެ ކުރިން އެމްއާރުއެމް އިން ކަށަވަރުކުރަން ބޭނުންވި ކަންކަން ހުރި ކަމަށް ނިންމައި އިތުރު މަޝްވަރާއަކަށް ދިއުމަށް ނިންމައިފިއެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރުއެމްއާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަތެވެ. އެމްއާރުއެމް އިން ބައިވެރިވެވަޑައިގަތީ ރައީސް މައުމޫންގެ އިތުރުން ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ސެކްރެޓެރީ ޖެނެރަލް އަބްދުލްއަލީމެވެ.

މިއަދުގެ ބައްދަލުވުމާއި ގުޅޭގޮތުން އެމްއާރުއެމްއިން ބުނީ ބައްދަލުވުމަށްފަހު ނިންމީ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެޕާޓީން އެހެން ޕާޓީތަކާއި މަޝްވަރާ ކުރަމުންދާއިރު ގޮތް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް ވަނީ ބުނެފައެވެ. އަދި ކޯލިޝަންގައި މިހާތަނަށް ކުރެވުނު ތަޖުރިބާއާއި، ވެފައިވާ ވައުދުތައް ފުއްދިފައިވާ މިންވަރާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން ދައުވަތު ދީފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކު ވާދަ ކުރަން ނިންމައިފައެވެ. ކޯލިޝަނެއް ހަދަން ޖެހިއްޖެ ނަމަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން މަޝްވަރާތައް ފަށަން ވެސް ޖޭޕީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ކޯލިޝަން ނުހަދާނެ ކަމަށް ރަސްމީކޮށް އަންގާފައި ނުވާތީ ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ އަދިވެސް އެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ޖުމްހޫރީ ޕާޓީއާއެކު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް އެކުލަވާލަން މަޝްވަރާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *