މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް 2023 ގައި ބައިވެރިވެވަޑައިތުމަށް ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ފަނޑިޔާރުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގައި އަދި ޚާއްޞަކޮށް ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އޮތުމުގެ މުޙިއްމުކަމާމެދު މަޝްވަރާކޮށް އެކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވެއެވެ. އަދި މިހާރު ކުރިއަށްދާ މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް ފަދަ ބައްދަލުވުންތަކަކީ، އެކިއެކި ޤައުމުތަކުގެ ޖުޑީޝަރީ މަސައްކަތްކުރާ ގޮތާއި އަދި ހުރި ގޮންޖެހުންތަކާއި އެކަމަށް ހައްލު ހޯދުމުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ލިބިގެންދާ ފުރުޞަތެއްކަން ފަނޑިޔާރުންވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ކޮންފަރެންސްތަކުން ފަނޑިޔާރުންގެ ތަޖުރިބާ އެއް ބަޔަކު އަނެއްބަޔަކާ ހިއްސާކުރެވިގެންދާ ދިއުމަކީ، އެއީ ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ލިބޭ ފުރުޞަތެއްކަންވެސްވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކާއި އަދި ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ފަނޑިޔާރުންނާ ހިއްސާ ކުރެވުނެވެ. އަދި، ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް ފަނޑިޔާރުން ވަނީ ބައްލަވާލައްވާފައެވެ.
އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރެއްވީ ނޭޕާލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އޮނަރަބަލް ޖަސްޓިސް ސަޕްނާ ޕްރަދަހަން މައްލާ، މެލޭޝިޔާގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް ޑަޓޯ މޭރީ ލިމް ތިއަމް ސުއަން، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ހައިކޯޓު ޑިވިޝަންގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް ނައިމާ ހައިދަރ، ޖައްމު ކަޝްމީރު އިންޑިއާގެ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ އޮނަރަބަލް ޖަސްޓިސް (ރިޓަޔަރޑް) ގީތާ މިއްޓަލްއެވެ.
މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް 2023 ގައި ބައިވެރިވެވަޑައިތުމަށް ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ފަނޑިޔާރުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި.
ތަފްޞީލު: https://t.co/XsB2Ux5nZd pic.twitter.com/nKrrH9fli9
— Supreme Court of the Maldives (@SCMaldives) March 16, 2023
މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.