ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުންގޯސްވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހިސާބަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 6 ގަޑިއިރާއި 8 ގަޑިއިރަށް ބަލާއިރުވެސް މެދުރާއްޖެތެރޭގެ އެކި އަތޮޅުތަކަށް މޫސުންގޯސްވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް މިރޭ ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރާގޮތަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އެހެންވެ މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ