ފިކުރެއްގެ ދިރުމުން ޕީޕީއެމްއާއެކު މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް: މަވޯޓާ

ފިކުރެއްގެ ދިރުމުން ޕީޕީއެމްއާއެކު މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް: މަވޯޓާ

Author
ޢަލީ އާދަމް
16 މާރޗް 2023 10:24
0

އެމްޑީޕީގެ އަސާސީ ޤަވާޢިދާ ޚިލާފަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތްކުރަމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ)ވިދާޅުވެއްޖެއެވެ.

ނަޝީދާއި އެމަނިކުފާނުގެ ފިކުރެއްގެ ދިރުން ޙަރަކާތަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ މަވޯޓާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ޤަވާޢިދާ ޚިލާފު ކަމަކަށް ވިޔަސް އެމްޑީޕީގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިދިކޮޅު ޕީޕީއެމްއާއެކު ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުގައި މަސައްކަތްކުރާތާ ކިތަންމެ ދުވަހެއްކަމަށެވެ. ރަސްމީކޮށް ފިކުރެއްގެ ދިރުން އުފެއްދުމުގެ މާކުރިންވެސް ރައީސް ނަޝީދުގެ ފެކްޝަނާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުން އެކުގައި ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރަމުން އައިކަމަށް މަވޯޓާ ތުހުމަތުކުރެއްވިއެވެ.

އޭނާ މިހެން މިވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާ ވަކިން ވާދަކުރަން ނިންމުމާއެކު ނަޝީދުގެ ފުކުރެއްގެ ދިރުމާއެކު މަޖިލީހުގައި ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕެއް ހަދައިގެން މަސައްކަތް ކުރަން އުޅޭ އަޑު ގަދަވެފައިވަނިކޮށެވެ. މަވޯޓާ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ވެރިކަން ގެއްލުވަލަން ފިކުރެއްގެ ދިރުމަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިޙާ ދެކޮޅަށް ފިކުރެއްގެ ދިރުމަށް އެންމެ އުނދަގޫވާނީ ކުރީގެ ރައީސް ޑރ.ވަޙީދާއެކު މަސައްކަތް ކުރަން ކަމަށާ، ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށް އެފިކުރުން ބުނެފައިވާކަމުގައި މަަވޯޓާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.