އިދިކޮޅު ރިިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުކުރުދުވަހު މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.
މިހިނގާލުން އިންތިޒާމު ކުރާ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިނގާލުން ިއންތިޒާމު ކުރާ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ، މިހިނގާލުމަކީ ނުހައްގުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިނގާލުމެއްކަމަށެވެ. މާލޭގައި ހިނގާލުން ފެށިގެން ދާނީ ޕީޕީއެމް އޮފީސް ދޮރުމަތިންކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބާއްވާ ހިނގާލުން ކުރިއަށްދާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވުމާ ގުޅިގެން އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.
ކޮމެންޓު ފޮނުވާ