ލީޑަރޝިޕުން ޔާމީނަށް ފޮނުވި ނޯޓެއް ވީދައެއް ނުލާ، ކެނޑިޑޭޓަކީ ޔާމީން: ޕީޕީއެމް

ލީޑަރޝިޕުން ޔާމީނަށް ފޮނުވި ނޯޓެއް ވީދައެއް ނުލާ، ކެނޑިޑޭޓަކީ ޔާމީން: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2023 02:28
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އެހެން ބޭފުޅަކު ނެރުމަށް ނުވަތަ ހަދާނެ ގޮތަކާއިމެދު ލަފަޔަށް ރައީސް ޔާމީނަށް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން ފޮނުވި ނޯޓެއް ވީދާލިކަމަށް ދެކެވޭ ވާހަތައް އެކޯލިޝަނުން ދޮގުކޮށްފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ރައީސް ޔާމީން ނޫން އިތުރު ބޭފުޅަކަށް ނުދެއްވާނެކަމަށް އެޕާޓީން ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް މިއަދު ރާއްޖޭގެ އޮންލައިން މީޑިއާއެއްގައިި ވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ޕީޕީއެމްގެ ލީޑަރަޝިޕުން ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ރައީސް ޔާމީންގެ ލަފަޔަކަށް އެދި ނޯޓެއް ފޮނުވިކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެނޯޓު ވީދާލާފައިިކަމަށެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމުގެ މާކުރިންވެސް ޕީޕީއެމްއިން ނިންމާފައިވަނީ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ޕީޕީއެމްގެ ލީޑަރޝިޕްގައި އިތުރު ކެނޑިޑޭޓަކާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށާއި، އަދި ނުވެސް ކުރާނެކަމަށެވެ. އަދި އެފަދަ ނޯޓެއް ދިންކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކައެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕް އޮތީ ވަރަށް ބަދަހި ކަމާއިއެކު ރައީސް ޔާމީން ފަހަތްޕުޅުގައި ކަމަށެވެ. މިހާތަނަށްވެސް އެއް އަޒުމެއްގައި ލީޑަރޝިޕުން މަސައްކަތް ކުރަމުންދާ ގޮތަށް އެއްރޫހެއްގައި އޮތުމަކީ އެހެން މީހުންނަށް ފަސޭހަ ކަމެއް ނޫންކަމަށާއި، ނަމަވެސް ޕީޕީއެމް ބައިބައި ކޮށްލުމަކީ ފަސޭހަކަމަކަށް ނުވަނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމްއިން ކާމިޔާބު ކުރާނީ ރައީސް ޔާމީނާއިއެކު ގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވެ އެމަނިކުފާނު ގެންދަވަނީ 11 އަހަރަށް ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭ ކަމަށް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ފަހަރަށް ކޯޓަށް ހުށަހެޅި ބައެއް ލިޔުންތައް އިސްލާހު ކުރުމަށް ދެންނެވުމުން މިހާރު ޤާނޫނީ ވަކީލުން ކުރަމުންދަނީ އެމަސައްކަތެވެ،.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.