އިތުރު ދައުރަކަށް ކުރިމަތިލައްވާއިރު، މިވެރިކަން ހޯދައި ދިނުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުން މިއަދު ތިބީ ކޮންތާކުތޯ ބަލައިލުން ވަރަށް ރަނގަޅުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި މިއަދު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ފެނިގެންދަނީ ވަރަށް ހިތްދަތި މަންޒަރެއް ކަމަށެވެ. މިވެރިކަން ހޯދުމަށްޓަކައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށްވުރެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުން މިއަދު ތިބިތަނެއް ކުރަމުންދާ ކަމެއް ސަރުކާރުން ބަލައިލުން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިވަކި މީހުންގެ ނަންތައް ފާހަގަކޮށް އަލީ ހުސެއިން ވިދާޅުވީ އެމްއާރުއެމްގެ ނާދިރާއާއި، ސިދާތާ ޝަރީފާއި، އެމްޑީޕީގެ ޝިފާޒު އާއި އޭރުގެ ވެރިކަމާއި ދެކޮޅަށް މަޖިލިސް ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށި ހިތްވަރުގަދަ 12 މެމްބަރުން ތިބީ ކޮންތާކުތޯ ބަލައިލުން ރަނގަޅުކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމާިއ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލައި މަސައްކަތް ކުރި މެމްބަރުންނަކީ 12 މެމްބަރުންނެވެ. އެމެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދު ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްޅޯއާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު ( ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
ވެރިކަމަށް އައުމުގެ ކުރިން މިސަރުކާރުން ވަނީ އެމެމްބަރުން ތަމްސީލް ކުރަމުންދިޔަ ދާއިރާތަށް ޕްރައިމަރީއަކާއި ނުލައި އެމެމްބަރުންނަށް ދޭނެކަމަށްވެސް ވައުދުވެފައެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި ކަން ހިނގީ އެއާއި މުޅިން ޚިލާފަށެވެ.
އަލުން ވެރިކަމަށް އަންނަން މަސައްކަތް ކުރައްވަންވާނީ ތިމާ ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުންނާއިމެދުވެސް ވިސްނާލާފައިކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމަށް އައުމަށްފަހު މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި، ދައުލަތުގެ ތިން ބާރުގެ ބާރުވެރިކަމުގައި ދައުރު ނިމިގެންދާއިރުވެސް ވެފައިވާ ވައުދުތަކާއި، ހަދަން ބުނި ގާނޫނުތަށް ނެހެދުމަކީ ނިމިދިޔަ ވެރިކަމުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނޫންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ވަކިވަކި ޤާނޫނުތަކުގެ ތެރެއިން ކޯލިޝަންތަކާއި ގުޅޭ ޤާނޫނާއި، ޖޭއެސްސީ އިސްލާހު ކުރުމަށް ވެފައިވާވައުދާއި އެއްގޮތަށް އަދާއި ހަމައަށްވެސް ޤާނޫނަށް އިސްލާހު ގެނެވިފައި ނުވާކީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން މިއަދު ނުކުރެވެނީ ކުރީ ސަރުކާރުންނޭ ނުބުނެވޭ ވަރަށް ރައްޔިތުން ބާރާއި އިޚުތިޔާރު މިސަރުކާރަށް ދީފައިވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ