ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ގޮވައިގެން ސަރުކާރު ހިންގުމަކީ ދަތިކަމަށް ވާނެކަމަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާޢީދުކުރަން ނުނިންމާ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރަގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ފާޑު ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރެއް ހެޔޮގޮތުގައި ހިންގޭނީ އެއް އަމާޒަކަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރާނެ ބަޔަކު ސިޔާސީ މަޤާމުތަކުގައި ތިބެގެންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ގޮވައިގެން ސަރުކާރު ހިންގަން ވަރަށް ދަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
Sarukaareh heyo gothuga hingeynee eh amaazakah RJ ge siyaasathu thanfeezu kuraane bayaku siyaasee magaamuga thibegen. RJ dhekolhah masakkaiy kuraa bayaku govaigen sarukaaru hingan varah dhathivaane
— Ibrahim Shareef (@AdduShareef) March 15, 2023
އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިން ވާދަކުރަން ނިންމުމާ ގުޅިގެސް ރައީސް ޞާލިޙަށް ތާޢީދުކުރާ މީހުން އަންނަނީ ޖޭޕީއަށް ފާޑުކިޔަމުންނެވެ. ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި 2018ވަނަ އަހަރުންފެށިގެން އޮތް ޕާޓީއެކެވެ. އެހެންކަމުން ސަރުކާރުގެ އެކިއެކި ސިޔާސީ މަޤާމުތަކުގައި ޖޭޕީގެ އެކި ބޭފުޅުން އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމްވެސް ހިމެނިވަޑައިގަނެއެވެ. އެހެންނަމަވެސް ނައިބުރައީސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ތާޢީދުކުރައްވާނީ ރައީސް ޞާލިޙަށްކަން ކުރިން ހާމަކުރައްވާފައެވެ.
ޖޭޕީގެ ނިންމުމާ ގުޅިގެން އެޕާޓީގެ ސްލޮޓެއްގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. ރައީސް ޞާލިޙަށް ތާޢީދުކުރާ މީހުން ގޮވާލަނީ ޖޭޕީން ރައީސަށް ތާޢީދު ނުކުރާނަމަ، ސިޔާސީ މަޤާމުތަކުގައި ތިބި އެޕާޓީގެ މީހުން ވަކިވުމަށެވެ.