އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ގޮސްގެން ކާމިޔާބު ނުވާނެކަން މިހާރު ޔަގީންވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުމުގެ ޕީޖީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި އިވާ ވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. އީވާ ވިދާޅުވީ ޖުމްހޫރީ ޕާޓީން މިފަދަ ނިންމުމެއް ނިންމެވިކަމީ ނުހަނު މަރުހަބާ ކިޔާ ކަމެއްކަމަށެވެ.
އީވާ ވިދާޅުވީ އެމްޑީޕީ ހުރިހާ މެމްބަރުންނަށްވެސް މިހާރު ވަރަށް ސާފުކޮށް ކަށަވަރުވާނެ އެއްކަމަކީ ރައީސް ޞާލިހާއިއެކު އެމްޑީޕީ ގޮސްގެން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެމަށެވެ. ސަބަބެއްކަމަށް އީވާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރައީސް ޞާލިހާއިއެކު ހުރި ކޯލިޝަންގެ އެންމެބޮޑު އެއް ބައިވެރިޔާއަށްވާއިރު ރައީސް ޞާލިހާއިއެކު ކުރިއަށްދާން ނުނިންމައި ޖޭޕީން ކެނޑިޑޭޓަކު ނެރެން ނިމުމުން ރައީސް ޞާލިހަށް ދެން ލިބޭނެ އިތުރު ކާމިޔާބެއް ނެތްކަން ކަށަވަރު ވާކަމަށެވެ.
ރައީސް ޞާލިހު ފެށުނީއްސުރެ ވިދާޅުވީ ތިމަންނާމީ ކޯލިޝަން ކެނޑިޑޭޓޭ. ނަމަވެސް ކޯލިޝަން ކޯލިޝަނަށް ހަދާ ޕާޓީ އަމިއްލައަށް ވާދަކުރަން ނިންމުން ރައީސް ޞާލިހުގެ އަމިއްލަ ބުރަދަނެއް ނެތްކަން މިހާރު ސާފު ވެއްޖެ.
– އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުން ދެން ނިންމަންވީ ރައީސް ނަޝީދު ދައްކަވާ މަގުން ދެން ކުރިއަށް އޮތް ރިޔާސަީ އިންތިޚާބުގައި ކުރިއަށްދާން ކަމަށެވެ. މިހާތަނަށްވެސް އެމްޑީޕީ މެމްބަރުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ކާމިޔާބު ލިބިފައިވަނީ ރައީސް ނަޝީދު ދެއްކެވި މަގުން ކުރިއަށް ގޮސްގެން ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮނަން ބޭނުންނަމަ އޮތީ ރައީސް ނަޝީދާއިއެކު ކުރިއަށްދިއުންކަމަށެވެ. މިހާރު އޮތް ގޮތުން އެމްޑީޕީން އަނެއްކާވެސް މަގުމަތިވުމުގެ ބަދަލުގައި ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީ ބައިވެރިވުން އޮންނަން ބޭނުންނަމަ ރައީސް ނަޝީދާއިއެކު އެމްޑީޕީ މެމްބަރުން ތިބުމުން މުހިންމުކަމަށް އީވާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ