އއ. އަތޮލު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ، އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ އަތޮޅުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިއަދު ހެނދުނު 10:32 ހާއިރު ގެންދާ ކަަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ އިނގިރޭސިވިލާތަށް ނިސްބަތްވާ 65 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިއްޔެ އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ވަނީ މަރުވެފައެވެ. އެއީ ވެސް އިނގިރޭސި ވިލާތުގެ ފިރިހެނެކެވެ. އުމުރުން 46 އަހަރުގެ އެ މިހާ ވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައެވެ.
މި މަހު ހަތެއްގައި، ރ. އަތޮޅުގައި އޮންނަ އަދާރަން މީދުއްޕަރު ރިސޯޓުގައި ވެސް މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވިއެވެ.
ކޮމެންޓު ފޮނުވާ