ރީތި އިމާރާތްތަކާއިއެކު ތަރައްޤީ ގެނެވޭނީ މީހުން ބިނާކޮށްގެން: ނައިބް ރައީސް

ރީތި އިމާރާތްތަކާއިއެކު ތަރައްޤީ ގެނެވޭނީ މީހުން ބިނާކޮށްގެން: ނައިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2023 01:41
0

ރީތި އިމާރާތްތަކެއް އެކަނި ހަދައިގެން ސަރުކާރުން ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށާއި އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކަކީ ވެސް އެންމެ އަހަރަކުން ހައްލުނުކުރެވޭނެ ކަންކަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕްރިސިންޕަލުންގެ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން މި ހަތަރު އަހަރު އަހަރުގެ ތެރޭގައި ތަރައްގީ އަށް ކުރި މަސައްކަތްތަކަކީ ވޭދތުވެދިޔަ އެއްވެސް ސަރުކާރުން މީގެ ކުރިން ނުކުރާހާ ގިނަ މަސައްކަތްތަކެއް ކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފުޞީލުތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި މަޤާމުގެ ލިއުމާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން، އެއް އަމާޒަކަށް ވާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި ކުރިޔަށްގެންދިޔަ "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ފަރަތަކުން ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިނގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ 2 ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.