އަައިޖީއެމްއެޗްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން މާލެ ސިޓީ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއީ އެ ހޮސްޕިޓަލުން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ސްކްރީިނިންގ ޕްރޮގްރާމެކެވެ. މިއީ އެހޮސްޕިޓަލުގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ޕަރޮގްރާމެކެވެ.
އެގޮތުން އިމާދުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގްރޭޑް 1 އިން 98 ދަރިވަރުން، ގްރޭޑް 4 އިން 95 ދަރިވަރުން އަދި ގްރޭޑް 7 އިން 34 ދަރިވަރުން ވަނީ މި ސްކްރީނިންގ ފުރިހަމަކޮށްފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އަދި މި ހަރަކާތުގައި އަައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުން އަދި އިންޓަރންސްއިން ބައިވެރިވެފައިވާ ކަމަށް ބުނެފައިވެއެވެ.
މި ޕްރޮގްރާމް ހެޑްކުރައްވާ، އަައި.ޖީ.އެމް.އެޗްގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ އިސް ޑޮކްޓަރ، ޑރ. އަޙުމަދު ފައިސަލް ވަނީ މި ސްކްރީނިންގ ގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުން ކަމަށް ވިދާޅުވެފައެވެ.
މިއާއިއެކު މިހާރުވެސް ހެލްތް ސްކްރީނިންގ ޕްރޮގްރާމް ކަލާފާނު ސުކޫލްގައި ކުރިޔަށް ގެންދާ ކަމަށް އެހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން އަދިވެސް މާލެ ސިޓީ ސަރަހައްދުގެ ގިނަ ސްކޫލްތަކުގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އައި.ޖީ.އެމް. ހޮސްޕިޓަލުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއި އެކު ވަރަށް ފުޅާ ދާއިރާއެއްގައި ބޭސްފަރުވާއާއި ސިއްޙީ ޙިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުންނެވެ. މި ގޮތުން، ހެލްތް ސްކްރީން ކުރުމާއި، ސަރޖަރީއާއި، ސްޕެޝަލިސްޓް އޯޕީޑީ، އަދި މި ނޫންވެސް ތަފާތު ގިނަ ސިއްޙީ ޙިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ