އަށްޓެރި އިންޑިއާގެ ނޫފު ރާއްޖޭގެ މައްޗަށް ގަދަވަމުން ދިއުމުގެ ނުރައްކާތެރިކަން ޅެންބައިތަކުން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ކުންފުންޏަކަށް ދިނުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޢަލީ ޙުސައިން ވިދާޅުވީ އުތުރުން ހަނިމާދު، މެދު ރާއްޖެއިން އުތުރު ތިލަފަޅު އަދި ދެކުނުން ގަން އިންޑިއާގެ ބާރުގެ ދަށަށް ދިއުމަކީ ބިރުވެރިކަމުގެ ޑަނޑޫރާއެއްކަމަށެވެ. ޢަލީ ޙުސައިން ވިދާޅުވި 3 މަޝްރޫޢުވެސް ދީފައިވަނީ އިންޑިއާގެ ކުންފުނިތަކަށެވެ. އެމަޝްރޫޢުތަކުގެ ނިވަލުގައި އިންޑިއާގެ އަސްކަރީ ސިފައިން އެސަރަޙައްދުތަކުގައި ޤާއިމުކޮށް ސިއްރު އެޖެންޑާއެއް ހިންގަމުންދާކަމަށް އިދިކޮޅު ފަރާތްތަކުންވެސް ތުހުމަތުކުރެއެވެ. އަދި މިއީ ރާއްޖޭގެ އިސްތިޤުލާލުގެ މައްޗަށް އިންޑިއާއިން ވެރިވެގަތުމަށް ހިންގާ ސިއްރު ޖަރީމާއެއްކަމަށްވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މިހާރުގެ ސަރުކާރުން އާދަޔާ ޚިލާފަށް އިންޑިއާއަށް ބަރޯސާވުމާއި ރާއްޖޭގެ އިސްތިޢުލާލަށް ގެއްލުންވާވަރަށް ދާޚިލީ ކަންކަމުގެ ތެރޭގައި އިންޑިއާ ބެއްސުމުގެ މައްސަލާގައި ވަރަށްގިނަބަޔަކު ފާޑުކިޔައެވެ. އެހެންނަމަވެސް ސަރުކާރުން އެކަން ސޮގުކުރެއެވެ.
ޢުތުރުން ހަނިމާދޫ. މެދުން އުތުރު ތިލަފަޅު. ދެކުނުން އައްޑޫ ގަން. މިއީ ބިރުވެރި ކަމުގެ ޑަނޑޫރާއެއް. ބެދޭ މަޅިއެއް ކަރަށް ނުމަހަން އެދެންޏާ، ހެދޭ ގޯހަށް ބަލަންވާނޭ ހެދެންޏާ. https://t.co/hr6ZCSbgYt
— Ali Hussain (@AleeVoice) March 5, 2023
އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް 29.7 މިލިޔަން ޑޮލަރަށް ނުވަތަ 457 މިލިޔަން ރުފިޔާއަށް އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރީ އާދީއްތަދުވަހުއެވެ. މީގެކުރިން އުތުރުން ހަނިމާދޫ އިންޓަނޭޝަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢާއި، އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރެއް ތަރައްޤީކުރުމާއި، ތިލަމާލެ ބްރިޖުގެ މަޝްރޫޢާއި އަދި މިނޫންވެސް އެތައް ބޮޑެތި މަޝްރޫޢުތަކެއް ހިންގަން ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުނިތަކާއެވެ. މިއިން އެއްވެސް މަޝްރޫޢެއް އެދެވޭގޮތުގައި ކުރިއަށް ނުދާކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ.