މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ހިދުމަތްތައް ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް އިމާރާތަށް ބަދަލުކޮށްފިއެވެ.
މިކަން ހާމަކުރަމުން ހަޔާ އެޑިއުކޭޝަނުން ބުނީ، މިއަދުން ފެށިގެން އެ މިނިސްޓްރީ ހިންގަމުން ގެންދާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މިނިސްޓްރީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް އެ އިމާރާތުގެ ގްރައުންޑް ފަންގިފިލާގައި ހުންނަ ހަޔާ އެޑިއުކޭޝަން ކައުންޓަރުން ލިބޭނެކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ކުރިން ހިންގަމުން ދިޔައީ ފެން ބިލްޑިންގްގައެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއެކު ތިން މިނިސްޓްރީއެއްގެ ހިދުމަތް މިވަނީ ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް އިމާރާތަށް ބަދަލުކޮށްފައެވެ. އެ އިމާރާތަށް މިހާތަނަށް ބަދަލުކޮށްފައިވާ މިނިސްޓްރީ ތަކަކީ، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސެސްގެެ ހިދުމަތާއި، މިނިސްޓްރީި އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނެވެ. ޖެންޑަރ މިނިސްޓްރީ ހިންގަމުންދަނީ އިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަނީ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައެވެ.
ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގުމަށްޓަކައި، ބޮޑު ހޭދައެއްކޮށްގެން އަމިއްލަ މީހުންގެ އިމާރާތްތައް ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ.
އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ ފެބްރުއަރީ 15 ވަނަ ދުވަހު، އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.