ރިޔާސީ އިންތިހާބުގެ މަޝްވަރާތަކެއް ޕީޕީއެމް އިން ސަލަފާއި ކޮށްފި

ރިޔާސީ އިންތިހާބުގެ މަޝްވަރާތަކެއް ޕީޕީއެމް އިން ސަލަފާއި ކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2023 08:25
0

ދީނީ އިލްމުވެރިން ހިމެނޭ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމުން ބުނި ގޮތުގައި އެ ބައްދަލުވުމުގެ ބޭނުމަކީ އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހަބާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ. ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވީ އެޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މާލޭ މޭޔަރާއި ކައުންސިލަރ ސުޖާއު އެވެ. ސަލަފް ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ ރައީސް އާއި ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ބައިވެރިވިއެވެ.

ބައްދަލުވުމަށްފަހު ޕީޕީއެމް އިން ކުރި ޓްވީޓެއްގައި ބުނީ ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން އެދިލެއްވި އެދިލެއްވުމަކަށް ޖަމްޢިއްޔަތުއް ސަލަފްގެ އޮފީހުގައި މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. މީގެ ކުރިން އެމްއެންޕީގެ އެދިލެއްވުމަކަށް ފެބްރުއަރީ 16 ވަނަ ދުވަހު އެޕާޓީއާއި އެކު ވެސް ބައްދަލުވުމެއް ބޭއްވިފައިވާކަން ސަލަފް ޖަމިއްޔާ އިން ފާހަގަ ކުރިއެވެ.

ސަލަފް ޖަމިއްޔާ އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޖަމިއްޔާ އެވެ. އާއްމު ގޮތެއްގައި ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން އެޖަމިއްޔާ އިން ވާހަކަ ނުދެއްކި ނަމަވެސް ބައެއް މައްސަލަތަކުގައި ބަޔާންތައް ނެރެ، އަޑުއުފުލައެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ސަލަފް ޖަމިއްޔާ އާއި މިހާރުގެ ސަރުކާރާއި ގުޅުން ރަނގަޅެއް ނޫނެވެ. ސަލަފް ޖަމިއްޔާ އުވާލަން 2019 ވަނަ އަހަރު އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ގޮވާލިއެވެ. އޭގެފަހުން ވެސް ދޭތެރެދޭތެރެއިން ސަލަފަށް ސަރުކާރުގެ ތެރެއިން "ހަމަލާތައް" އަމާޒުވެއެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި އަދި ބައެއް މައްސަލަތަކުގައި ސަރުކާރުން އަމަލު ކުރާ ގޮތައް ސަލަފުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.