ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފާއިތުވި 4 އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަކި ފަރާތަކަށް ނުޖެހުމުގެ ތަރާދުން ކައްސާލައި، ދައުލަތުގެ ހުރިހާ ނިންމުންތަކާއި މުދާވެސް ވަކި އެއްޤައުމެއްގެ ނުފޫޒުގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ބުނެފިއެވެ.
އެމް.އެން.ޕީ. އިން މިހެން ބުނެފައިވަނީ ރައީސް ޞާލިޙް 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނަށް އެޕާޓީން ދިން ޖަވާބުގައެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔަމުން، އެމް.އެން.ޕީ. ގެ ޖަވާބުގައި ބުނެފައިވަނީ ރައީސް ޞާލިޙްގެ ވެރިކަމުގެ ދައުރުގައި ދައުލަތުގެ ޚާރިޖީ ސިޔާސަތުތަކުގައި އަމިއްލަވަންތަކަމެއް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޤާއިމުކުރުމުގައި ދިވެހިންގެ ބާރުވެރިކަން ނެތިގޮސްފައިވާ ކަމުގައެވެ. އަދި ދައުލަތުގެ ބޮޑެތި ސްޓެރެޓެޖިކް އިންވެސްޓްމަންޓްތަކާއި، ލޮކޭޝަން ތަކާއި ދިފާޢީ ބާރުތަކުގެ މުހިންމު ތަންތަނާއި އިންވެސްޓްމަންޓްތައް ވެސް ހަމައެއް ޤައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލާފައިވާ ކަމުގައެވެ.
ހަމައެއާއެކު ދުނިޔޭގެ މަސްރަޙުގައްޔާއި މި ސަރަޙައްދުގައި މިހާރު ހިނގަމުންދާ ޖިއޮ-ޕޮލިޓިކްސް ގެ ހަނގުރާމައިގައި ދިވެހިރާއްޖެއިން ވަކި ކޮޅެއްނަގައި، ހަމައެކަނި އެ ފަރާތަކަށް ބުރަވެ ކަންކަން ނިންމަމުން ދާ ތަން ފެންނަ ކަމަށާއި، އިޤްތިޞާދީ ގޮތުންވެސް ދިވެހިރާއްޖެ މުޅިންއެކުގައި އެއް ޤައުމަށް ބަރޯސާވެގެން ގޮސްފައިވާތަން ފެންނަ ކަމުގައި އެމް.އެން.ޕީ. އިން ބުނެފައިވެއެވެ. އަދި މި ހަނގުރާމައިގައި ރައްޖެގެ ނަގާފައިވާ ކޮޅުގައި ތިބި ޤައުމުތައް ނޫން ޤައުމުތަކާއި ރައީސް ޞާލިޙްގެ ސަރުކާރުން ދުރުވެލި މަންޒަރުވެސް ފެންނަ ކަމަށެވެ.
ރައީސް ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމަށް އިތުރަށް ދަލީލު ދައްކަމުން، އެމް.އެން.ޕީ. އިން ބުނެފައިވާ ގޮތުން ރައީސް ޞާލިޙްގެ ސަރުކާރުގެ ވެރިކަމުގެ ދައުރުގައި ފެނިގެން މި ދަނީ ދިވެހިރާއްޖެ ޢަރަބި އިސްލާމީ ދުނިޔެއާ ވެސް ދުރުހެލިފައިވާ މަންޒަރުކަމަށާއި، ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަށް އެހެން ޤައުމުތަކުގެ އިންވެސްޓްމަންޓްތައް އަންނަމުން ދާ ތަން މިހާރު ނުފެންނަ ކަމަށެވެ.
ރައީސް ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އެމް.އެން.ޕީ. އިން ފާޑުކިޔައި އިތުރަށް ބުނެފައިވަނީ ދިވެހި ދައުލަތުގެ ދިފާޢީ ސިޔާސަތަށް ބަލައިފިނަމަވެސް ފެނިގެން ގޮސްފައިވަނީ އަނެއްކާވެސް ވަކި އެއް ޤައުމަކަށް over rely ކުރެވިފައިވާ ތަންކަމަށާއި، މުޅި ރާއްޖޭގެ ކަނޑުއަޑީގެ މެޕިންގ ނުވަތަ ސަރވޭ ފަދަ ޤައުމީ ފެންވަރެއްގައި މުހިންމު އަދި ދިވެހިންގެ ބާރުވެރިކަމުގެ ދަށުގައި ހުންނަންޖެހޭ ތަކެއްޗާއި މަޢުލޫމާތާއި، އަސްކަރިއްޔާގެ މުހިންމު ތަރައްޤީގެ ޕްރޮޖެކްޓްތައް ރާއްޖޭގެ ބާރުވެރިކަން ނެތްގޮތަށް އެއް ޤައުމަށް ދޫކޮށްލިތަން ކަމުގައެވެ.
ރައީސް ޞާލިޙްގެ ރިޔާސީ ބަޔާން 2023 އަށް އެމް.އެން.ޕީ. އިން ޖަވާބު ދީފައިވަނީ މި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ޕާޓީން ބުނެފައިވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީން އެ ޒިންމާ އަދާނުކުރުމުން، އިދިކޮޅު ޕާޓީއެއްގެ ގޮތުން އެ ޕާޓީން އެކަން ކުރީ ކަމުއެގައެވެ.
ރައީސް ޞާލިޙް އެމް.ޑީ.ޕީ. ގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވާއިރު، އެމް.އެން.ޕީ. އިން ވެސް ވަނީ މިއަހަރުގެ ރިޔާސީ ރޭހަށް ނިކުންނަން ނިންމައި، އިޢުލާންކޮށްފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ހަމަޖެހިފައިވަނީ ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނާޒިމެވެ.
ކޮމެންޓު ފޮނުވާ