ރައީސްގެ މަންދޫބުން އެމްޑީއޭގެ ލީޑަރޝިޕާއި ބައްދަލުކޮށްފި

ރައީސްގެ މަންދޫބުން އެމްޑީއޭގެ ލީޑަރޝިޕާއި ބައްދަލުކޮށްފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ތެރެއިން ވާދަކުރުމަށް އެމްޑީޕީން ކުރަމުންދަ މަސައްކަތުގައި އެޕާޓީން މިއަދު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރޝިޕާއި ބައްދަލުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައިމަސައްކަތް ކުރުމަށް ނިންމާފައެވެ. މިއާއިއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޕާޓީތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މިއަދު މެންދުރު ފަހު ސަން ސިޔާމް ބިލްޑިންގައި އޮތް އެ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްޑީއޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ އަލީ މައުރޫފާއި ޑރ. އައިޝަތު ރަފިއްޔާ އާއި، ކައުންސިލް މެންބަރުންގެ ތެރޭ ހިމެނޭ މުހައްމަދު އައްބާސާއި ޝުއައިބު އަލީއެވެ.

އެމްޑީއޭއިން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ފަހު ނިންމުމެއް ނިންމާނީ މާދަމާ ހަވީރު ބާއްވާ ބައްދަލުވުމުގައެވެ. އަދި ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ އިތުރަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ ދައުވަތުވަނީ އެމްޑީއޭއަށް ލިބިފައެވެ.

މިއަދު ހަވީރު 5:00 ޖަހާއިރު ޕީޕީއެމްގެ ލީޑާޝިޕް ވެސް ސަން ސިޔާމް ބިލްޑިންއަށް ވަޑައިގަންނަވާނެއެވެ. ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމުން އެމްޑީއޭއަށް ފޮނުވާފައިވާ ކަން އެ ދެ ޕާޓީން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ދެ ޕާޓީގެ ގުޅުން ހީނަރުވެ، ރައްޔިތުންގެ މަޖިލީހަށް އެމްޑީއޭއިން ވާދަ ކުރީ ވަކިންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ދެ ގޮނޑި ކާމިޔާބު ކުރިއެވެ.

އެއަށް ފަހު ވެސް ޕީޕީއެމްއާ އެކު ތަފާތު އެކި މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އިންތިހާބަށް ޕީޕީއެމްއިން ކުރިމަތިލީ އެމްޑީއޭގެ ތާއީދާ ނުލަ އެވެ. އެމްޑީއޭއިން އެ އިންތިހާބުގައި ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *