ކުރީގެ ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ ރ. ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ލައިވް ކުރަން އެމަނިކުފާނުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެއެވެ.
އެ މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި، މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ކަންކަން ނިިންމުމުން، ޔާމީންގެ ފަރާތުން ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެދިވަޑައިގަތީ ޝަރީއަތުގެ މަރުހަލާ ފެށުމުން، ޔާމީންގެ މައްޗަށް ދައުވާ ކުރި އެހެން މައްސަލަތަކެކޭ އެއްގޮތަށް ޝަރީއަތް ލައިވްކޮށް ދުރަށް ދައްކާށެވެ. މިއަދުގެ އަޑުއެހުން ނިންމާލި އިރު، އެކަމާ މެދު އަދި ވަކި ގޮތެއް ނިންމެވި ކަމެއް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅެއް ނުވެއެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ލައިވްކޮށްގެން ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރުމަކީ އިންސާފުވެރިކޮށް ޝަރީއަތް ގެންދިޔުމަށް މުހިންމު ފިޔަވަޅެއް ކަމަށް ޔާމީންގެ ވަކީލުން މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަދީމް ވިދާޅުވި ގޮތުގައި، އިބްތިދާއީ މަރުހަލާގައި އޮންލައިންކޮށް އަޑުއެހުން ބޭއްވި ނަމަވެސް، ޝަރީއަތުގެ މަރުހަލާ ފެށުމުން އަޑުއެހުންތައް ބާއްވާނީ ހުރިހާ އެންމެން ވެސް ކޯޓަށް ގޮސް އަޑުއެހުމުގައި ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ.
އެކަމަކު، ކައިރިކައިރީގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ނިންމާފައިވާއިރު، ކޮންމެ ދުވަހަކު ދަތުރުކުރަން ދަތިވެދާނެތީ، ޔާމީން އެދިވަޑައިގަންނަވާ ނަމަ މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުންތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ނަދީމް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ، ވަކީލުންނާ މަޝްވަރާކުރެއްވުމަށްފަހު ވަކި ގޮތެއް އަންގަވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ