ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަކީ ހަމައެކަނި އޭސީސީއަށް އެކަނި ކުރެވޭނެކަމެއް ނޫންކަމަށާއި، އެކަމުގައި ދައުކލަތުގެ ތިން ބާރުގެ އެހީތެރިކަން ބޭނުންވާކަމަށް އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2020-2024 އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ، ފަސް އަހަރަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ ސްޓެރެޓީޖިކް އެކްޝަން ޕްލޭން (2020-2024) އަކީ، އޭސީސީގެ ތަޞައްވުރަށް ވާޞިލިވުމަށްޓަކައި، އެކަށައެޅިފައިވާ އަމާޒުތަކަށް މަސައްކަތްކުރުމުގެ ސާފު މަގުޗާޓެއް އެކުލަވާލުމުގެ މަޤުޞަދުގައި އެކުލަވާލެވިގެންދިޔަ ޕްލޭނެއްކަމަށެވެ.
ޝިއުނާ ވިދާޅުވީ މިއަދު އިފްތިތާޙުކުރެވިގެންދިޔަ ސްޓްރެޓީޖިކް ޕްލޭނަކީ، އޭގައި ހިމެނޭ މަޤްޞަދުތަކާއި ޙަރަކާތްތައްވެސް، ތަންފީޒުކުރެވެމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ބޭނުންކުރާނެ ލަނޑުދަނޑިތަކާއި އިންޑިކޭޓަރުތައް، ކަނޑައެޅި ލިޔެވިފައިވާ ޕްލޭނެއްކަމަށެވެ. އަދި މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެވިފައިވާނީ، ވަށާޖެހޭ 'މޮނިޓަރިންގ އެންޑް އިވެލުއޭޝަން' ނުވަތަ ތަންފީޒު ކުރެވޭ ގޮތް ބެލޭ އަދި ނަތީޖާ ވަޒަންކުރެވޭނެ ފުރިހަމަ ނިޒާމަކާއެކުކަމަށާއި، ކުރީގެ ސްޓްރެޓީޖިކް ޕްލޭންއާ ޚިލާފަށް މި ޕްލޭންގެ ކަންކަން ނިޒާމީގޮތެއްގައި މޮނީޓަރކުރެވޭނެ ގޮތަށް އެކަމަށް ޚާއްޞަ އިވެލުއޭޝަން ކޮމިޓީއެއް މިހާރު ވާނީ އެކުލަވާލެވިފައިވާކަމަށް ޝިއުނާ ވިދާޅުވިއެވެ.
މި ޕްލޭނަކީ، ޤާނޫނީގޮތުން މިކޮމިޝަނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ހުޅުވިގެންދާ ވަރަށް ފުރިހަމަ މަގެއް. އަދި ދައުލަތުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި އަދި ދިވެހި މުޖުތަމަޢުއަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ވުމަށް ކޮމިޝަނުން މި ދެކެމުންދާ ތަޞައްވުރަށް ވާޞިލުވުމަށް އެހީތެރިވެދޭނެ ޕްލޭނެއް.
-އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ
ޝިއުނާ ވިދާޅުވީ، މި ޕްލޭންގެ އެހީގައި، ކޮމިޝަނުގެ ޤާބިލުކަން އިތުރުކޮށް، މަސައްކަތްތަކުގެ އިޖުރާއަތުތައް ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު، ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް އެކުއެކީ މަސައްކަތްކުރެވޭނެކަމަށެވެ. މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް އެކޮމިޝަނަށް ބޭނުންވާކަމަށާއި، ކޮރަޕްޝަނާ ފަސާދައިން ޤައުމު ސަލާމަތްކުރުމަކީ އުނދަގޫ އަދި ބުރަ މަސައްކަތެއްކަމަށެވެ. ކުށްވެރިންނަކީ އަބަދުވެސް ކުށްކުރުމުގައި ދެމިހުރުމަށްޓަކައި ޒަމާނީ ވަޞީލަތްތަކުގެ ތެރެއިން އާ ގޮތްތައް އަބަދުވެސް ހޯދާނެ ބައެއްކަމަށާއި، އެހެންނަމަވެސް، ވަރުގަދަ އަޒުމާއި ބިތުކަމާއެކުގައި މެދުކެނޑުމެއްނެތި އެފަދަ ފަރާތްތަކާ ކުރިމަތިލުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ޝިއުނާ ވިދާލުވިއެވެ. އެގޮތުން، މިއަދު އިފްތިތާޙު ކުރި ޕްލޭނަކީ ކޮމިޝަނުގެ މަޤްޞަދު ހާސިލުކުރުމަށް ލިބިގެންދާ އިތުރު ފުރުޞަތެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަކީ ކޮމިޝަނަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން. ޚާއްޞަގޮތެއްގައި ދައުލަތުގެ ތިންބާރުގެ ފުރިހަމަ އިތުބާރާއި އެހީތެރިކަމާއި އާންމު ފަރުދުންގެ އެއްބާރުލުން ކޮމިޝަނަށް އަބަދުވެސް ބޭނުންވޭ. މި ފުރުޞަތުގައި ދައުލަތުގެ އިދާރާތަކުންނާއި އާންމުފަރާތްތަކުން، ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް އޭސީސީގެ ނަމުގައި ޝުކުރުދަންނަވަން.
-އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ
ޝިއުނާ ވިދާޅުވީ މިއަދު އިފްތިތާޙުކުރެވިގެންދިޔަ ޕްލޭނާއެކު ދެން ފެށިގެންދާނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްރާނެ ޤައުމީ ފެންވަރުގެ ނެޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނެއް ހަދައި ތަންފީޒުކުރުމުގެ މަސައްކަތްކަމަށެވެ.
ކޮމެންޓު ފޮނުވާ