އިދިކޮޅު މުޒާހަރާތަކުން އާންމުނަށް އުދަނގޫވޭ، ފުލުހުންވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރޭ: އެޗްއާރުސީއެމް

އިދިކޮޅު މުޒާހަރާތަކުން އާންމުނަށް އުދަނގޫވޭ، ފުލުހުންވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރޭ: އެޗްއާރުސީއެމް

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2023 07:41
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި އާންމުނަށް އުދަނގޫވާގޮތަށް ބައެއް ހަރަކާތްތައް ހިންގަމުންދާކަމަށާއި، އަދި ބައެއް ހާލަތްތަކުގައި ފުލުހުންވެސް ހާލަތައި ނުބައްދަލުގެ ބާރުގެ ބޭނުން ކުރަމުންދާކަމަށް ހިއުމަންރައިޓް ކޮމިޝަނުން ބުނެފިއެވެ.

22 ޑިސެމްބަރ 25 ވަނަ ދުވަހުން ފެށިގެން ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނުން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތައް އެޗްއާރުސީއެމްއިން މޮނީޓަރ ކޮށް ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންގޮސްފައިވާ 49 ހަރަކާތެއް ކޮމިޝަނުގެ ފަރާތުން މޮނީޓަރކޮށްފައިވާއިރު މި ހަރަކާތްތަކާއި ގުޅިގެން ކޮމިޝަނަށް ފާހަގަކުރެވޭ މައްސަލަތަކާއި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ކޮމިޝަނުން ބަލަމުންދާކަމަށެވެ.

އެޗްއާރުސީއެމްއިން ބުނީ ސުލްޙަވެރިކަމާއެކީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކޮންމެ މީހަކަށް ލިބިދޭ ހައްޤެއްކަމަށެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ފަރާތުންވެސް އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޚިލާފުވާ ފަދަ ކަންކަން ފާހަގަވެފައިވާކަމަށެވެ.

މިގޮތުން، މަގުމަތީގެ އަދަބުތަކާ ޚިލާފުވާގޮތަށް ނުވަތަ އާންމުންނަށް އުނދަގޫވާ ފަދަ ގޮތަށް ޓްރެފިކް ބްލޮކްކުރުމާއި ބޭއަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުންކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރިކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

– އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބައިވެރިކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެކޮމިޝަނުން ބުނީ އާންމު ރައްޔިތުންގެ ފަރާތުންވެސް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި، ސައިކަލެއްގައި ގޮސް ވަންނަން އުޅުންފަދަ ނޭދެވޭ އަދި ގެއްލުމެއް ލިބިދާނެފަދަ އަމަލުތަކެއްކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ. ހަމަ އެއާއެކު ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރާކަމާއި އަދި ބައެއް ހާލަތްތަކުގައި އެއްވުން ރޫޅާލުމުގެ ކުރިން އިންޒާރުދީފައިނުވާކަމާއި އިންޒާރުދިނުމަކާނުލާ ޕެޕާ ސްޕަރޭ ޖަހާފައިވާކަން ވެސް ފާހަގަވެފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމުކަމެއް.

– އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިންވެސް މުޒާހަރާތައް އޮބްޒަރވް ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓައި ޒިންމާދާރުކަމާއެކު އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މުޒާހަރާ ރޫޅާލުމުގައި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެއުޅުމުގެ ޤާނޫނުން މަނާ ކުރާ ކަންތައްތައް ކުރުމުން ދުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި، ދިފާޢީ ބާރުތަކާއި އަދި އާންމުންނަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.