ނިއުކާސެލް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ ރޭހަށް

ނިއުކާސެލް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ ރޭހަށް

ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގަދަ ހަތަރަކަށް ވަނުމަށް ލިވަޕޫލުން ކުރާ އުންމީދު އާކޮށްފިއެވެ.

މި ވަގުތު ހަތަރުވަނައިގައި އޮތް ނިއުކާސަލްގެ މައްޗަށް ކުރި ހޯދައި ލިވަޕޫލުން ވަނީ އެ ޖާގަ އާ ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އެ ޓީމު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

ލިވަޕޫލުގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. އެކަމަކު މެޗުގެ އެންމެ ބޮޑު ވާހަކައަކީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. އަންނަ ހަފުތާގައި ކުޅޭ އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނިއުކާސަލް ކުޅޭ މެޗުގައި ނިކް ޕޯޕް ނުކުޅެވޭނެއެވެ.

ޑާވިން ނޫނެޒް އާއި ކޯޑީ ގަކްޕޯގެ ލަނޑުތަކުން މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ލިވަޕޫލުން ލިޑް ނެގިއެވެ. ނިކް ޕޯޕް އަށް ރަތް ކާޑު ދެއްކީ އޭގެ ފަހުންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން އުޅުނު ވަގުތު އެ ބޯޅަ ހޯދަން ޕޯޕް ކުރިއަށް ނުކުމެ އޭނާގެ ހަށިގަނޑު ބޯޅަ ކުރިމައްޗަށް ދަމާލި ވަގުތު އޭރިއާގެ ބޭރުން ބޯޅަ ޖެހުނީ އޭނާގެ އަތުގައެވެ. މެޗުގެ ރެފްރީ އެންތޮނީ ޓޭލާ ވަނީ ޕޯޕް އަށް ވަގުތުން ރަތް ކާޑު ދައްކައިފައެވެ.

މެޗު ފެށުމުގެ ކުރިން ހާއްސަ ކުރީ ތުރުކީގެ ބިންހެލުމުގައި މަރުވި ނިއުކާސަލްގެ ކުރީގެ ފޯވާޑް ކްރިސްޓިއަން އަޓްސޫ އަށެވެ. ހުވަފަތް ވެފައިވާ އޭނާގެ އަންހެނުންނާއި ތިން ދަރިން ދަނޑަށް ހާޒިރުވިއެވެ. ނިއުކާސަލްގެ ސަޕޯޓަރުން ވަނީ އެ އާއިލާ އަށާއި އަޓްސޫ އަށް އިހްތިރާމް އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *