އެމްޑީޕީގެ ފިކުރަކީ، އެމްޑީޕީގެ އަސާސްތަކަކީ އަދި އުސޫލުތަކަކީ ކަޅާއި ހުދުން ލިޔެވިފައިހުރި ކަންތައްކަތެއް ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެޕާޓީގެ އެތެރޭގައި ފިކުރެއްގެ ދިރުމުގެ ނަކުގައި ހިންގަންވަ އުޅުއްވާ ސިޔާސީ ހަރަކާތަކީ، ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާ ވެގެންވާ ފިކުރެއް ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވުނު، އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ރަސްމީކޮށް އެރުވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީގެ އަސާސްތަކާއި ގަބޫލުކުރާ ސިޔާސަތުތައް އެޕާޓީގެ އަސާސީ ގަވާއިދުގެ 3ވަނަ ބާބުގައި ކަޅާއި ހުދުން ލިޔެވިފައި އެބަހުރި ކަމަށެވެ. އަދި އޭނާ ވަނީ، އެނޫން ފިކުރެއްގެ ވާހަކައެއްވިއްޔާ ދެއްކުން އެޕާޓީތެރޭގައި ހުއްޓާލުމަށާއި، އަދި ވާދަވެރި ކެނޑިޑޭޓު ރައީސް ސާލިހާއި ގުޅިވަޑައިގަތުމަށް ގޮވާލައްވާފައެވެ.
އެމްޑީޕީގެ އުސޫލުތަކަކީ ކަޅާއި ހުދުން ލިޔެވިފައި ހުރި ކަންތައްތަކެއް. ތިބޭފުޅުން ބައްލަވާލައްވާ ތިބޭފުޅުންގެ އަސާސީ ގަވާއިދު، އެމްޑީޕީގެ އަސާސީ ގަވާއިދު. 3 ވަނަ ބާބުގައި، ޕާޓީގެ އުސޫލާއި، އަމާޒާއި، މަގުސަދު ބަޔާން ކޮށްފައި ވާނެ. ޕާޓީގެ ވެބްސައިޓް ބައްލަވާލައްވާ. ޕާޓީގެ ފިކުރުތަކަކީ ޕާޓީ ގަބޫލުކުރާ ހަމަތަކަކީ ކޮބައިކަން ބަޔާން ކުރެވިފައި ވާނެ. އެނޫން އާ ފިކުރެއް، ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާ ވެގެންވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލައްވާފަ ވާދެވެރި ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް އަޅުގަޑު ދަންނަވާލަން ބޭނުންވަނީ، ޒަމާންތަކަކަށް އެމަނިކްފާނާއެކީ ހަމަ މަސައްކަތް ކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަޑު ދަންނަވާލަން ބޭނުންވަނީ، ވަޑައިގަންނަވާށޭ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަކީ އޮތް ހަރަކާތެއް ނޫންކަމަށް މޭރުން ކުރައްވަމުން އަސްލަމް ވިދާޅުވިއެވެ.
ނަޝީދުގެ ފިކުރެއްގެ ދިރުން ހަރަކާތަކީ އޮތް ހަރަކާތެއް ނޫންކަމަށް އަސްލަމް ވިދާޅުވެފައިވާއިރު، ފާއިތުވި އެމްޑީޕީގެ ޕްރައިމަރީން ބަލިވުމަށްފަހު ނަޝީދު ވިދާޅުވެފައިވަނީ ދެން އެޕާޓީ ތެރޭގައި ކުރިޔަށް ވަޑައިގަންނަވާނީ "ފިކުރެއްގެ ދިރުން" ނަމުގައި އާގޮތްޕެއް ހައްދަވައިގެން ކަމުގައެވެ.
އެއާއެެކު ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން މިހާރު ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅިތަކުގައި "ފިކުރެއްގެ ދިރުން" ގޮފީގައި ބައިވެރިވުމަށް ފޯމު ފުރަމުންނެވެ. އަދި މިހާތަނަށް 50 ހާހާއި ގާތްކުރާ އަދަދަށް އެމްޑީޕީގެ މެމްބަރުން މި ގޮފީގައި ބައިވެރި ވެފައިވާކަމަށްވެސް ނަޝީދު ފެކްޝަނުން ބުނެފައި ވެއެވެ.
އެހެންނަމަވެސް އެމްޑީޕީގެ ލީޑަރޝިޕުން ބުނަމުންދަނީ އާ ސިޔާސީ ހަރަކާތެއްގެ ގޮތުގައި މި ގޮތްޕަށް އެޕާޓީގެ އެތެރޭގައި ހަރަކާތްތެރި ނުވެވޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ