މަޝްހޫރު ވިޔަފާރުވެރިޔާ އަހުމަދު ސިޔާމް ހިންގަމުންދާ ސަން ސިޔާމް މީޑިއާއިން އެސްއެސްޓީވީގެ ނަމުގައި ޓީވީ ޗެނަލްއެއް ލޯންޗުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.
އެސްއެސްޓީވީ ލޯންޗު ކުރުމަށްޓަކާ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި، އެސްއެސް ޓީވީ ޗެނަލްގެ ޚިދުމަތް ފައްޓަވާ ދެއްވީ ސަން މީޑިއާ ގުރޫޕްގެ ވެރިޔާ ސަން ސިޔާމްއެވެ. އޭނާއަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ އެމްޑީއޭގެ ރައީސްވެސް މެއެވެ.
މުޅިން އަލަށް ޚިދުމަތްފަށާ މި ޗެނަލްގައި ޚަބަރުގެ އިތުރުން މުނިފޫހި ފިލުވުމައި ގުޅުންހުރި ގިނަ ޕްރޮގްރާމްތައްވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެސްއެސް ޓީވީގެ ޚިދުމަތް އިފްތިތާހު ކުރުމަށް ރޭ ބެއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަން މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރ މުހައްމަދު ޒަހީން ވިދާޅުވީ، ހުރިހާ އުމުރަކަށް ޚާއްސަ ކޮށްގެން ޚަބަރާއި މައުލޫމާތު ގެނެސްދިމުނަށް ހަމަޖެހިފައިވާ އެ ޗެނަލްގެ ކޮންޓެންޓްގެ ބޮޑުބައެއް އުފެއްދުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެން ކަމުގައެވެ.
އަޅުގަނޑުމެންގެ މަގުސަދަކީ އެހެން ކޮންޓެންޓް ކްރިއޭޓަރުންނަށް ފުރުސަތު ދިނުން. ޓީވީ ޕްރޮޑަކްޝަން ހަދާ މީހުންނަށް ފުރުސަތު ދިނުން. އެގޮތުން ބޮޑަށް އިސްކަން ދޭނީ ރަށްރަށުގައި އުޅޭ ކްރިއޭޓަރުންނަށް.
ޒަހީން ވިދާޅުވިއެވެ.
އެސްއެސް ޓީވީ ޗެނަލްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9އިން ރޭގަޑު 12:30 އަށެވެ. އަދި ދިވެހިބަހުން ޚަބަރު ކިޔާ ގަޑިތަކަކީ ހެނދުނު 10:00 އާއި، މެންދުރު 2:00 އާއި، ރޭގަނޑު 8:00 އާއި އަދި ރޭގަނޑު 12:00 އެވެ. އިނގިރޭސިބަހުން ޚަބަރު ކިޔާ ގަޑިއަކީ ހަވީރު 4:00 އެވެ.
އެސްއެސް މީޑިއާއިން ދަނީ ޓީވީ ޗެނަލްގެ އިތުރުން ސަން އޮންލައިންގެ ނަމުގައި އޮންލައިން ނޫހެއްވެސް ހިންގަމުންނެވެ. އޭގެ އިތުރުން ސަފުހާއާއި މޯލްޑިވް އައިލޭންޑްސްގެ ނަމުގައިވެސް އޮންލައިން ވެބްސައިޓްތައް އެސްއެސް މީޑިއާއިން ހިންގަމުން ދެއެވެ.
ކޮމެންޓު ފޮނުވާ