ފާއިތުވެދިޔަ ހަފްތާގައި ތުރުކީ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް، ރާއްޖޭގެ ބައެއް އިލްމުވެރިންނާއި ޖަމިއްޔާތައް ގުޅިގެން ހިންގާ ޚާއްސަ ފަންޑް ރެއިޒިން ކެމްޕޭން "އެއް އުންމަތެކޭމީ" ލޯންޗު ކޮށްފިއެވެ.
މި ފަންޑް ރެއިޒިން ކެމްޕޭން ލޯނޗު ކުރުމުގެ ގޮތުން މިއަދު މެންދުރު ޕޯސްޓް ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކުރީގެ އިސްލާމިކް މިނިސްޓަރ އައި އައިއޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި، މިއީ، ތުރުކީ އަދި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ކެމްޕޭނެއް ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ މި ފަންޑް ރެއިޒިން ކެމްޕޭންގެ މަގުސަދަކީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބޭނުންވާ ފަންދު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުން ކަމުގައެވެ.
އަޅުގަނޑުމެން އެދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވުމަށް، ހާލުގައި ޖެހިފައިވާ އިންސާނުންނަށް އެއީ ކޮންމެހެން މުސްލިމަކަށް ނުވި ނަމަވެސް، އެހީތެރިކަން ދިނުމަކީ އެއީ ވަރަށްވެސް މަތިވެރި ކަމެއް، އަދި މުސްލިމަކަށްވެއްޖެ ކަމުގައިވަނީނަމަ އިސްލާމުންގެ ހައިސިއްޔަތުން، އިސްލާމީ އުއްމަތުގެ އެއްބަނޑު އެއްބަފާ ވަންތަކަން ދައްކުވައިދޭ ކަމެއް އެއްބަޔަކު އަނެއް ބަޔަަކަށް އެހީވުމަކީ.
ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ކެމްޕޭންގެ ދަށުން ފަންޑު ރެއިޒް ކުރުމަށްޓަކާ އަންނަ ހުކުރުވަހު މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ފަންޑު ފޮށި ބެހެއްޓޭނެއެވެ. އަދި މިމަސައްކަތުގައި ރަށްރަށުގެ ކައުންސިލްތަކުގެ އެހީތެރިކަމަށްވެސް ޑރ. ޝަހީމްވަނީ އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން އޭނާވަނީ މިހަފްތާގެ ހުކުރު ޚުޡުބާވެސް މިކަމަށް ޚާއްސަކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.
ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހުގެ ދަންވަރު، ތުރުކީއާއި ސީރިއާއަށް އައި 7.8 ބާރުމިނުގެ ބިންހެލުމުގައި މިހާތަނަށް 41،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މިގޮތުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް މިހާރުވެސް ކުރިޔަށް ދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ތުރުކީއާއި ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.