ފާއިތުވި އަހަރުގެ ކުރީކޮޅު އޮތް، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ވޯޓު ނުދީފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ފެނަކައިގެ މުވައްޒިފުންނަށް ދިން، އެކުންފުނީގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޒާހިރު އުސްމާން (ސުކުނާ)، ފެނަކަ ކުންފުނީގެ ވަޒިފާއިން ވަކިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާވަނީ އިއްޔެގެ ވަގުތެއްގައި، ވަޒީފާއިން ވަކިވުމަށް ސިޓީ ހުށަހަޅުއްވާފައެވެ. އަދި އޭނާ ވަޒީފާއިން ވަކިވާ ސިޓީ ހުށަހެޅުއްވީ، ކުންފުނީގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގައި، މެނޭޖްމަނާޓަމެދު ހިންހަމަ ނުޖެހިގެންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ވޯޓު ނުދީފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ފެނަކަ މުވައްޒިފުންނަށް ޒާހިރު ދޭ އޯޑިއޯއެއް އޭރު ލީކުވެފައި ވެއެވެ.
އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން އޭރު ލީކުކޮށްލި އޯޑިއޯގައި، އެ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު ވަނީ، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ވޯޓު ދޭން ބޭނުން ނުވާ މުވައްޒަފުން ވަޒީފާގައި ދެމިތިބެން ބޭނުންވާނަމަ، އެ މުވައްޒަފުންނަށް ދެން އޮންނާނެ އިޚްތިޔާރަކީ ވޯޓު ލާން ނުދިއުން ކަމަށް ބުނެފައެވެ.
މި އޯޑިއޯއާއި ގުޅިގެން، ކުންފުނީގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އޭރުވެސް ހުންނެވި، ޒާހިރު، ފެނަކަ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ބިރު ދައްކާފައިވާ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި އަދި މަޖިލިސް ބައެއް މެމްބަރުންވެސް އޭރު އަޑު އުފުލާފައި ވެއެވެ.
އެހެންނަމަވެސް، ޒާހިރު ވަޒީފާއިން ވަކިކުރުމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން އޭރު ކުރި ޑިމާންޑަތަކަށް ރައްދު ދެއްވާ ފެނަކަ ކުންފުނީގެ އެމްޑީ ވިދާޅުވެފައިވަނީ، އޯޑިއޯގެ ސައްޙަކަމާމެދުވެސް އޭނާއަށް ސުވާލު އުފެދޭ ކަމަށާއި، މީސްމީހުން ވަޒީފާއިން ވަކިކުރުމުގެ ވިސްނުން އޭނާ ނުގެންގުޅުއްވާނެ ކަމުގަައެވެ.
ޒާހިރުއަކީ ފެނަކައިގެ އެމްޑީ ސައީދުއާއި ގާތް ގުޅުމެއް އޮންނަ ފަރާތެއްކަމަށްވެސް ފެނަކައިގެ ބައެއް މުވައްޒިފުން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދީފައި ވެއެވެ. އަދީ އޭނާއަކީ ފާއިތުވި ޕީޕިއެމްގެ ވެރިކަމުގައިވެސް ފެނަކައިގެ އިސް މަގާމެއްގެ ހުންނެވި މުވައްޒިފެއްވެސް މެއެވެ.
ޒާހިރު ފެނަކައިގެން ވަޒީފާއިން ވަކިވެފައިވަނީ، މެނޭޖްމަންޓާ ދެމެދު އުފެދު ހިންހަމަ ނުޖެހުންތަކާއި ގުޅިގެން ކަމަށްވި ނަމަވެސް، މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ. ޒާހިރު ވަޒީފާއިން ވަކިވުމަށް ފޮނުވި ސިޓީގައި އޭނާ މަގާމުން ރިޓަޔަރ ކުރަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ