ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2023 08:49
0

ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ. މި އަޑު އެހުން އޮންނާނީ މާދަމާ މެންދުރު ކްރިމިނަލް ކޯޓުގައެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ އެންމެ ފަހުން އޮތް އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ މައްސަލައިން ތަނާޒުލްވާން ނުޖެހޭނެ ކަމަށްވަނީ ކަނޑައަޅާފައެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ތަނާޒުލްވާން ޖެހޭ ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ނިންމި ނިންމުމެކެވެ.

ގާޒީ ނަދީމަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުން އުޅުއްވި ބޭފުޅަކަށް ވާތީ އޭނާ އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދައުވާލިބޭ ފަރާތްތަކުން ވަނީ ކުރިން ބުނެފަ އެވެ. ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުން ކުރިން އޭނާ މަސައްކަތް ކުރައްވާފައި އޮތުމަކީ އެ މައްސަލައިން ތަނާޒުލްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، އެއީ އަދީބުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.