ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަމަށް ސަބަބުވެރި އިންސާނަކު ގަބޫލެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅެވެއްޖެއެވެ.
މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މެދުގައި އިންސާފުން މައްސަލަތައް ނިންމޭނީ އިސްލާމީ ޝަރީއަތާއި ގާނޫނާ އެއްގޮތަށް ހުކުމް ކޮށްގެން ކަމަށެވެ. އެ މިނިވަންކަން ފަނޑިޔާރުންނަށް ގާނޫނުއަސާސީން ދީފައިވާ ކަން ފާހަގަ ކުރައްވައި، މިހާރު ޝަރުއީ ދާއިރާ ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ މިނިވަންކަމާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަތަކާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށް ސަބަބުވެރި އިންސާނަކު ގަބޫލު ނުުކުރާނެކަމަށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން ސިޔާސީ ޕާޓީއެއްގެ ހަރުގެއެއްހެން ހިންގަމުންދަހާ ހިނދެއްގައި ޖުޑީޝަރީގެ މިނިވަންކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދުވެސް ގިނަ ފަނޑިޔަރުން ތިއްބަވަނީ ޖޭއެސްސީގެ ކުރިމަތީގައި ސުލޫކުވެދާނެތީ ބިރުންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ޖޭ.އެސް.ސީ ސިޔާސީ ޕާޓީއެއްގެ ހަރުގެއެއް ހެން އޮންނައިރު ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވުމަކީ ސަބަބުވެރި އިންސާނަކު އެކަން ގަބޫލު ކުރާނެ ކަމެއްނޫން. ގިނަ ފަނޑިޔާރުން އަދިވެސް ތިބީ ބިރުން. ސުލޫކީ ވެދާނެ ކަމަށް ޖެހިލުންވެފަ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ޖޭ.އެސް.ސީ އެކުލެވިގެންވާގޮތަށް ބަދަލު ގެނައުމަށްޓަކައި ގިނަ ބައެއްގެ ޚިޔާލާއެކު ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ގިނަ މަސައްކަތްތަކެއް ނިމިދިޔަ އަހަރުގެ ތެރޭގައި ކޮށްފައެވެ. ޖޭ.އެސް.ސީ އެކުލެވާލުމަށް ގިނަ މީހުންގެ ލަފަޔަކީ ސިޔާސީ މީހުން ނުހިމަނައި ކޮމިޝަން އެކުލަވާލުމެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތަކަށް ބަދަލު ގެނައުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމުގެ އެންމެ ފަހު ހަތްމަސް ދުވަހަށް ވެފައިވާއިރުވެސް ޖޭއެސްސީ އިސްލާހު ކުރުމުގެ މާބޮޑު މަސައްކަތެއް ސަރުކާރުން ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. ޖޭއެސްސީގެ ކޮންޓްރޯލް މިހާރު އޮންނަނީ ސަރުކާރު ހިންގާ އެމްޑީޕީއަށެވެ. ޖޭއެސްސީގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިންއެވެ.